ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާ ކުރުމަށް ޔޫއޭއީ އާއި ތައިލެންޑަށް ފޮނުވަން މިއަދު ފަށައިފި އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ޗައިނާއަށް ރައީސް މުއިއްޒު ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، މިހާރު އާސަންދަ ލިބޭ ގައުމުތަކަށްވުރެ މާ ފެންވަރު ރަނގަޅު، މާ މަތީ ފަންތީގެ ގައުމުތަކުން އާސަންދަ ލިބޭގޮތް ހަމަޖައްސަވާނެ ކަމަށެވެ.
އެ ދެ ގައުމުން އާސަންދައިގެ ހިދުމަތް މިހާރު ފަށާފައިވާ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުންޏެވެ. އާސަންދައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އާސަންދައިގެ ދަށުން ބެންކޮކާއި ޑުބާއީއަށް ފޮނުވަން ފުރަތަމަ އިސްކަންދޭނީ، ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލިމީހުންގެ ތެރެއިން ”ފަސްޓް ޑިގްރީ ޑޯނާ“ އެއް (އާއިލާގެ ތެރެއިން ކިޑްނީ ޑޮނޭޓްކުރާނެ ފަރާތެއް) ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަހައްމަލް ކުރަމުންދާ މީހުންނަށް ކަމަށެވެ.
”އެއީ، މިހާތަނަށް އާސަންދައަށް އެމްޕެނަލް ކުރެވިފައިވާ ގައުމުތަކުގެ އުސޫލުތައް ކަނޑައެޅިފައިވާ ގޮތުން، ކިޑްނީ ޑޯނަރަކީ ފަސްޓް ޑިގްރީ ޑޯނާ އަކަށްވުން އެ ގައުމުތަކުގެ ގާނޫނާ ގަވާއިދުތަކުން ލާޒިމުވާތީވެ، ފަރުވާ ކުރިއަށް ގެންދެވިފައިނުވާ ފަރާތްތައް،“ އާސަންދައިން ބުންޏެވެ.
މީގެއިތުރުން އާސަންދަ ސްކީމުގެ ދަށުން ތައިލެންޑާއި ޔޫއޭއީއަށް ދެވެނީ ރާއްޖެ، އިންޑިއާ ނުވަތަ ސްރީލަންކާގެ މަރުކަޒެއް މެދުވެރިކޮށް، ”އެތައް ފަހަރެއްގެ މަތިން“ ފަރުވާދެވުނު ނަމަވެސް އެ މީހެއްގެ ބަލި ހާލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަހައްމަލު ކުރަމުންދާ މީހުންނެވެ.
އާސަންދައިން ބުނީ ބޭސްފަރުވާއަށް ޔޫއޭއީ އާއި ތައިލެންޑަށް ވެސް ފޮނުވާނީ މިހާރު ވެސް އެ ސްކީމްގެ ދަށުން އިންޑިއާ އާއި ސްރީ ލަންކާއަށް ދިވެހިން ފަރުވާއަށް ފޮނުވަމުން އަންނަ އުސޫލުން، ރިފަރަލް ނިޒާމުގެ ތެރެއިން ކަމަށެވެ.
އާސަންދައިގެ އުސޫލުގެ ދަށުން މިހާރު ވެސް އެހެން ގައުމުތަކަށް ބޭސްފަރުވާއަށް ދާއިރު ދޭ ފަރުވާގެ ހަރަދާއި ދެކޮޅު ޓިކެޓާއި ހުރުމާއި ކެއިންބުއިމުގެ ހަރަދު ވެސް ލިބޭނެ އެވެ. އަދި ޔޫއޭއީ އަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ދާ ބަލި މީހާގެ އިތުރުން ޑޯނާ އަށް ވެސް ޓިކެޓާއި ހުރުމުގެ ހަރަދު ހަމަޖައްސައިދޭނެ އެވެ.
ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ބަލިތަކަށް ވެސް އެ ދެ ގައުމުން އާސަންދައިގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ބުންޏެވެ.

ގުޅުންހުރި
ޖާހްގެ ބޭންކު އެކައުންޓްތަކުގައި ފައިސާ ފައިސާ ހުރި ނަމަ ހިފަހައްޓަން އަމުރުކޮށްފި
ސީއެސްސީއަށް މުޖުތާޒް އައްޔަންކުރައްވައިފި
ވަގަށް އެތެރެކުރަން އުޅުނު އެއް ލައްކައަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި
ރާއްޖޭގެ ޔުނިވާސިޓީއަކުން އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވި ފުރަތަމަ ބޭފުޅަކަށް ޝައިހް އިސްމާއިލް
މިއީ ހޫނު ދުވަސްވަރެއް، ކޮންމެހެން ބޭނުންވާ މިންވަރަށް އެކަނި ކަރަންޓު ބޭނުންކުރޭ:
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް