ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން އާންމުން އެ މިނިސްޓްރީއަށް ކުރާ އިތުބާރު ކުޑަ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުދަ ދުވަހު އާންމުކޮށްފައިވާ ޓްރާންސްޕޯޓް މިނިސްޓްރީގެ 2021-2022 ގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެއްގަމާއި ކަނޑުއުޅަނދު ފަހަރުގެ ރަޖިސްޓްރޭޝަނަށް ބޭނުންކުރާ ”މެޓްރިސް“ ސިސްޓަމުގައި ކޮންޓްރޯލް މައްސަލަތައް ހުރުމުން، އެ ސިސްޓަމުގެ ބޭނުން ނަހަމަ ގޮތުގައި ވަނީ ހިފައިފަ އެވެ.
އަދި ޓްރާންސްޕޯޓުން، އާންމުން ހިދުމަތް ދިނުމުގެ ގޮތުން އިންޓަގްރޭޓް ކޮށްފައިވާ ގިނަ ސިސްޓަމްތަކެއް ބޭނުންކުރަންޖެހުމުގެ ސަބަބުން މިނިސްޓްރީގެ މުވައްޒަފުން މެނުއަލީ ކުރަންޖެހޭ މަސައްކަތްތައް އިތުރުވެ ހިދުމަތް ދިނުމުގައި ލަސްތަކެއް ދިމާވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
”ސިސްޓަމްތައް ޒަމާނީ ޓެކްނޮލޮޖީއަށް ފައްތަން ކޮށްފައިވާ މަސައްކަތުން، އަހަރުތަކަކަށް ދިގުލައިގެން ގޮސްފައިވާ މައްސަލަތަަކަށް ހައްލެއް ލިބިފައި ނުވުން. އެގޮތުން މިނިސްޓްރީން ފޯރުކޮށްދޭ ކަނޑު އުޅަނދުފަހަރާ ގުޅޭ ހިދުމަތްތަކަށް ހާއްސަ ކޮށްގެން ފަރުމާކުރަން ފެށި ޓޭވީސް ސިސްޓަމް ބޭނުންކޮށްފައި ނުވުމާއި ހިދުމަތްތައް އެއް ސިސްޓަމެއްގެ ދަށަށް ގެނައުމަށްޓަކައި ތައާރަފުކުރި ސިމްސް ސިސްޓަމުން އިންޓަގްރޭޓެޑް ހައްލެއް ލިބިފައި ނުވުން،“ އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން މިނިސްޓްރީގެ އައިޓީ އިންފްރާސްޓްރަކްޗާ ބަލަހައްޓާނެ ހަރުދަނާ ނިޒާމެއް އަދި އައިޓީ އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރާނެ ދުރުރާސްތާ ޕްލޭނެއް ވެސް މިނިސްޓްރީގައި އޭރު ނެތެވެ.
އަދި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ފިޔަވައި އެހެނިހެން ހިދުމަތްތަކާ ގުޅިގެން ފޯރުކޮށްދީފައިވާ ހިދުމަތްތަކުގެ ތެރެއިން 25،347 އެޕްލިކޭޝަން 49 ޕަސެންޓް ލަސް ކަމަށާއި ކަނޑުދަތުރުފަތުރުގެ ހިދުމަތްތަކުގެ 6،587 އެޕްލިކޭޝަނުގެ ތެރެއިން 43 ޕަސެންޓް ހިދުމަތް ލަސް ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
މިނިސްޓްރީގެ ހިދުމަތްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ޝަކުވާތައް ގިނަކަން ފާހަގަކޮށް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ޝަކުވާތަކާއި މައްސަލަތައް ފޯނު ކޯލާއި އީމެއިލް މެދުވެރިކޮށް ހިއްސާ ކުރެވޭނެ ގޮތެއް އޮތަސް، ކޯލް ސެންޓަރު ހިންގާނެ ވަކި އުސޫލެއް ނެތުމުގެ އިތުރުން އީމެއިލްތަކުންވެސް ހައްލު ލިބުނުކަން ޔަގީން ކުރެވޭނެ ނިޒާމެއް ނެތް ކަމަށެވެ.
މީގެ އިތުރުން މުވައްޒަފުންނަށް އެންގުމަކާ ނުލައި އެ މީހުންގެ މަސްއޫލިއްޔަތުތައް އެހެން މީހުންނާ ހަވާލުކުރުމާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރަން ތަމްރީނު ޕްރޮގްރާމުތައް ހިންގާފައި ނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.




6 Comments
ގުޅުންހުރި
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ!
ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް، ސަމާލުވޭ!
މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެ
އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މީހާ ބުނީ އެއީ މީހަކު
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށަން ކަނޑު އުޅަނދުތައް ނަގަން އަންގައިފި