ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަސްރުގެ ފަހަތުގައި ވަނީ އީމާންކަމާއި ހިތްވަރާއި ކެއްތެރިކަމާއި އުހުއްވަތްތެރިކަމާއި ނުގުޑާ ފަދަ އަޒުމެއްގައި ބަދަހިކަމާއެކު ތިބެ، ﷲއަށް ވަކީލުކޮށްގެން ކުރި ވަރުގަދަ ހަނގުރާމަ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ޣައްޒާގެ ރައްޔިތުންގެ ކާމިޔާބީ“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، ފަލަސްތީނުގެ ލޮބުވެތި އަހުންނާއި އުހުތުންނާ ދެކޮޅަށް ހިންގަމުންދިޔަ އަނިޔާވެރި ހަނގުރާމައަކީ އިންސާނީ ތާރީހު ދެކެފައިނުވާފަދަ އަނިޔާވެރިކަން ބޮޑު ހަނގުރާމައެއް ކަމަށާއި އެ ހަނގުރާމަ ހުއްޓައިލުމަށް ސަހްޔޫނީ ނިޒާމަށް މަޖުބޫރުވީ ދެން އެހެން އެއްވެސް ގޮތެއް ނެތިގެން ކަމަށެވެ. މިއީ ޣައްޒާގެ ރައްޔިތުންނަށް ލިބުނު މަތިވެރި ނަސްރެއް ކަމަށްވެސް ބުންޏެވެ.
ހަނގުރާމަތަކުގައި ނަސްރު ލިބެނީ ލަޝްކަރުގެ އަދަދު ގިނަކަމާއި ހަތިޔާރުގެ މޮޅުކަމުގެ މައްޗަކަށް ނޫންކަން ފާހަގަކޮށް ހުތުބާގައި ބުނީ، ހަނގުރާމަތަކުގައި ނަސްރު ލިބެނީ އީމާންކަމާއި ކެތްތެރިކަމުގެ މައްޗަށް ކަމަށެވެ. އަދި ޣައްޒާ ހަނގުރާމައިން އެތައް އިބުރަތެއް ލިބޭއިރު، އެންމެ ފުރަތަމަ އިބުރަތަކީ ﷲ އަށް ނަސްރުދޭ ބަޔަކަށް، ﷲ ނަސްރު ދެއްވާނެކަން ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، އަހަރެމެން މުސްލިމުންގެ ހައިސިއްޔަތުން ފަލަސްތީނުގެ ރައްޔިތުންނާ މެދު އަދާކުރާންޖެހޭ އަހުލާގީ ވާޖިބުތަކެއްވާ ކަމަށާއި ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލުމާއި ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ހެޔޮ ދުއާކުރުމާއި އިންސާނީ ގޮތުން އެހީތެރިވުމަށް އަހަރެމެން އެންމެން އަތުގުޅައިލާންޖެހޭ ކަމަށެވެ. އެއީ މާތް اﷲ އަށްޓަކައި ހޭދަކުރެވޭ އެއްޗަކީ ގެއްލިގެންދާނެ އެއްޗެއް ނޫން ކަމަށްވާތީ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ، އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި މުސްލިމުންނާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމަތަކާއި އިސްލާމީ ސަގާފަތާއި އުންމަތުގެ ހަޟާރަތު ފުނޑުފުނޑު ކޮށްލުމަށްޓަކައި ހިންގަމުންދާ ފިކުރީ ހަނގުރާމަތަކަކީ، އިސްލާމީ އުންމަތް ނިކަމެތިވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވެފައިވާ ކަންކަން ކަމަށެވެ.
އެކަން އެގޮތަށް މެދުވެރިވީ އިސްލާމްދީނުގެ އުސޫލުތަކުގައި ސާބިތުވާންޖެހޭ މިންވަރަށް ސާބިތުނުވުމުގެ ސަބަބުން ކަމަށާއި ދީނުގެ ކަންކަމުގެ މައްޗަށް ދުނިޔޭގެ އެދުންތަކާއި މާއްދިއްޔަތު އިސްކުރުމުގެ ސަބަބުން ކަމަށްވެސް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، މުސްލިމުންގެ އަދަދު ގިނަވެފައި ތަނަވަސްކަން ކިތަންމެ ބޮޑު ނަމަވެސް، އުހުރަވީ ހަޔާތުގެ މައްޗަށް ދުންޔަވީ ހަޔާތުގެ އެދުން އިސްކޮށްފި ނަމަ، މުސްލިމުން ބަލިކަށިވާނެ ކަމަށާއި މުސްލިމުންނަށް ނަސްރު ލިބުން އޮތީ އަގީދާ ވަރުގަދަކޮށް ހައްގު ގޮތުގައި ﷲ އަށް އީމާންވެ، ގުރުއާނާއި ސުންނަތުގައި ހިފައި، އެކުވެރިވެ އެއްބައިވަންތަވެ، ހަސަދަވެރިކަމާއި ރުޅިވެރިކަމުން އެއްކިބާކޮށް، ހަޔާތުގައި އިސްލާމްދީން ގާއިމުކޮށްގެން ކަމަށެވެ.

1 Comment
ގުޅުންހުރި
މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވެ، އެހީތެރިވުމަކީ ވާޖިބެކެވެ.
އިސްލާމީ ގައުމުތަކުގެ ވެރިންނާއި ރައްޔިތުންނަށް އުފާވެރިކަމާއި ކާމިޔާބީއަށް ރައީސް އެދިވަޑައިގެންފި
އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ ވެރީންނާއި މައިންބަފައިންގެ ބަސް
އީދަކީ އުފާވެރި ހަނދާންތައް ގެނުވާ ދުވަހަކަށް ހެދުމަށް ރައީސް އިލްތިމާސް ކުރައްވައިފި
ތިމާއާ ދޭތެރޭ ނުބައިކޮށް ހިތި މީހާއަށް މާފުކުރުމަކީ ވެސް ކުރެވޭ ހެޔޮ
ހައްޖަށް ދިއުމަށް ދެކެމުން އައި ހުވަފެން 98 އަހަރުގައި ހަގީގަތަކަށް، ލޮލުން