ހަނދާނަށް އަންނަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާންމުކޮށް ވިދާޅުވާ ބަސްފުޅެއްގެ މަތިންނެވެ.
”ކާމިޔާބީގައި ހިތްތިރިކުރާށެވެ. ނާކާމިޔާބީގައި ހިތްވަރުކުރާށެވެ“، މިފަދައިންނެވެ. އެކި ކަންކަމުގައި އެތައް ދިވެހިންނެއް މި ބަސްކޮޅު ބޭނުންކުރެ އެވެ.
މިއަދު އެ ބަސްކޮޅު ބޭނުން ކުރެއްވި އެއް ބޭފުޅަކީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން މިއަދު ވަކިކުރެއްވި އިބްރާހިމް ފައިސަލް އެވެ. އޭނާގެ އަމިއްލަ އެކްސް އެކައުންޓުގައި ކުރެއްވި އެ ޕޯސްޓުގައި ނަޝީދު ޓެގުވެސް ކުރައްވާފައިވެ އެވެ.
ސަބަބެއް ބަޔާން ކުރުމެއް ނެތި ފައިސަލް މަގާމުން ވަކިކުރި އިރު، އޭނާގެ ބައްޕާފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަގާމުން ދުރުކުރުމުގެ މަސައްކަތް ވެރިކަން ހިންގާ ޕީއެންސީ ތެރޭގައި ވަނީ ފަށައިފަ އެވެ.
އެ މަސައްކަތް ފެށި އިރު، އަބްދުއްރަހީމް ހުންނެވީ އަމިއްލަ ދަތުރެއްގައި މެލޭޝިއާގަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.



