ހޯކްސް އިން މެންޗެސްޓާ ބްރޭންޑުގެ ސިގްރޭޓް ވަގަށް އެތެރެކުރި މައްސަލައެއް ތަހުގީގު ކުރަނީ

މެންޗެސްޓާ ބްރޭންޑުގެ 200 ކާޓޫން ވަގަށް އެތެރެކުރި މައްސަލައެއްގެ ތަހުގީގު ފަށައިފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ އެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ސިނގިރޭޓް އެތެރެކުރިކަމުގެ ތުހުމަތު ކުރެވެނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިން އުޅަނދެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރު ބޯޓުން ކަމަށެވެ.

އެގޮތުން 24 އޮކްޓޯބަރު 2024 ގައި ސިނގިރޭޓް ކާޓޫންތައް އެތެރެކުރީ ހޯކްސްގެ ބޯޓުގެ މެނިފެސްޓުގައި ނުހިމަނައިކަން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ ސިނގިރޭޓު ކާޓޫނުތައް ރާއްޖެއަށް އެތެރެކޮށް 25 އޮކްޓޯބަރު 2024ގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް ބާލައިފައިވާކަން ވެސް މިހާތަނަށް ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ބިނާވެފައިވަނީ މައިގަނޑު ދެ ކުށެއްގެ މައްޗަށް ކަމަށާއި އެއީ ކަސްޓަމްސްގެ ގާނޫނުގެ ދަށުން ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ކުށާއި މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މަނީ ލޯންޑްރިން ކުށް ކަމަށް ފުލުހުން ބުންޏެވެ.