ބޭންކުތަކުގެ ވެރިންނާއި ބިދޭސީ ޑިރެކްޓަރުންނަށް 90،000ރ. އަށްވުރެ ބޮޑުކޮށް ދެވޭނެ

ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދިވެހި ވެރިންގެ މުސާރަ 90،000 ރުފިޔާއަށްވުރެ ބޮޑު ނުކުރާން އެންގި ނަމަވެސް، ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ ތެރެއިން ރާއްޖެއިން ބޭރުގެ ޑިރެކްޓަރުން އެ އެންގުމުން އިސްތިސްނާވެއްޖެ އެވެ.

ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނާ ގޮތުން ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދިވެހި ވެރިންގެ މުސާރަ 90،000 ރުފިޔާއަށްވުރެ ބޮޑު ނުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަކަށެވެ.

ރައީސްގެ އެ ނިންމެވުމަކީ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި މުސާރައާ ގުޅޭ ގޮތުން ކުރިއަށް އޮތް ދެ އަހަރުގެ ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅެއް ކަމަށްވެސް ޕީސީބީން ބުންޏެވެ.

ނަމަވެސް ޕީސީބީން ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވާ ގޮތުން މުސާރަ ކުޑަކޮށްފައިވަނީ ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ ތެރެއިން ޗެއާމަނުން، މެނޭޖިން ޑިރެކްޓަރުން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ އެވެ.

އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ ތެރެއިން ރާއްޖެއިން ބޭރުގެ ޑިރެކްޓަރުންގެ މުސާރަވެސް ކުޑައެއް ނުކުރެވޭނެ އެވެ.