އޭސީސީން ވީއައިޕީ ކެއުމަކަށް 7،800 ރުފިޔާ ހަރަދުކޮށްފި

އޭސީސީ ---

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވީއައިޕީ ކެއުމަކަށް 7،800 އަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވެއްޖެ އެވެ.

އެކަން ހާމަވީ އޭސީސީން އާންމުކުރި މިދިޔަ ޖަނަވަރީ މަހުގެ އެވޯޑް ޑޭޓާ ޝީޓުންނެވެ. އެ ޝީޓުގައި ބުނެފައިވާ ގޮތުން އޭސީސީން މިދިޔަ ޖަނަވަރީ މަހު އެވޯޑް ކޮށްފައިވާ ޕްރޮކިއުމަންޓްތަކުގެ އަގު 89،400 ރުފިޔާއަށްވުރެ މައްޗަށް އަރަ އެވެ.

އޭގެ ތެރެއިން އެންމެ ފާހަގަވަނީ ވީއައިޕީ ޑިނާއަކަށް ހަރަދުކޮށްފައިވާ 7،840 ރުފިޔާ އެވެ. އެ ފައިސާ ދައްކާފައިވަނީ ސޮލައިޓް ރެސްޓޯރެންޓަށެވެ.

އޭގެ އިތުރުން ހެދިކާއަށް ސައުތް ކޭޓަރިންއަށް 2،268 ރުފިޔާ ހަރަދުކޮށްފައިވާއިރު، މާބޮޑިއަކަށް 1،080 ރުފިޔާ އަދި ސޮވެނިއާ ގަތުމަށް 10،585 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ޖެނުއަރީ މަހުގެ ތެރޭގައި އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ވެބްސައިޓެއް ޑިޒައިންކޮށް ތަރައްގީ ކުރުމަށެވެ. ޑަބްލިޔުޑީއެމް ނަމަކަށް ކިޔާ ބަޔަކާ އެ މަސައްކަތް ހަވާލުކުރީ 28،000 ރުފިޔާއަށެވެ.