މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހެދި ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން މިދިޔަ މަހު 50 މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެއް މާރުކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެމްއެމްއޭ އިން މިދިޔަ އޮކްޓޯބަރުގައި ހެދި އެ ގަވާއިދުގެ ދަށުން ކޮންމެ މަހަކު އަންނަ ފަތުރުވެރިންގެ ތެރެއިން ކޮންމެ މީހެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް ތިން މަސްދުވަހުގެ މުއްދަތެއް ޑޮލަރު މާރުކުރުމަށް ދީފައިވެ އޮވެ އެވެ.
އެހެންކަމުން މިދިޔަ އޮކްޓޯބަރު މަހުގައި ރިސޯޓުތަކުގައި ތިބި ފަތުރުވެރިންގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ދީފައި އޮތީ މިދިޔަ ޖަނަވަރީ މަހުގެ ނިޔަލަށެވެ.
އެމްއެމްއޭ އިން ކުރިން ލަފާކުރީ އޮކްޓޯބަރު މަހު ރިސޯޓްތަކަށް ލިބުނު އާމްދަނީން ގާތްގަނޑަކަށް 30 އާއި 40 މިލިއަން ޑޮލަރު މާރުކުރާނެ ކަމަށެވެ.
އެމްއެމްއޭ އިން މިއަދު ބުނީ، މިދިޔަ މަހުގެ ނިޔަލަށް، އޮކްޓޯބަރުގައި ލިބުނު އާމްދަނީއަށް ބިނާކޮށް 50 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ޑޮލަރު މާރުކޮށްފައިވާ ކަމަށެވެ. އަދި އެ މުއްދަތުގައި ރާއްޖޭގެ ރިޒޯޓުތަކުގެ ތެރެއިން 90 ޕަސެންޓް ރިޒޯޓުތަކުން އެ ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
އެމްއެމްއޭ އިން ބުނީ، މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ފަސް ޕަސެންޓް އިތުރުވެ، 708.1 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ.
ރިޒާވް އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ޑޮލަރު މާރުކުރުން ކަމަށާއި އަނެއް ސަބަބަކީ ޖަނަވަރީ މަހު ރިޒާވުން ހަރަދުކުރި މިންވަރަށް ވުރެ ލިބިފައިވާ އަދަދު އިތުރުވުން ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.
އެގޮތުން އެ މަހުގެ ނިޔަލަށް ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ބޭރު ފައިސާގެ މިންވަރު ޑިސެންބަރު މަހާ އަޅާ ބަލައިއިރު 12 ޕަސެނެންޓް އިތުރުވެފައިވާ ކަމަށް ބުންޏެވެ.
އެމްއެމްއޭގެ ގަވާއިދުގައި ކޮންމެ މަހަކު އަންނަ ފަތުރުވެރިންގެ ތެރެއިން ކޮންމެ މީހެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހޭނެ ބުނެފައިވީ ނަމަވެސް މިދިޔަ ޖެނުއަރީ 1، އިން ފެށިގެން އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގާނޫނު އޮތް ގޮތުން ”ކެޓެގަރީ އޭ“ ގައި ހިމެނޭ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ މީލާދީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރެވެ.
އަދި ”ކެޓެގަރީ ބީ“ ގައި ހިމެނޭ ސަފާރީތަކާއި ގެސްޓުހައުސްތަކާއި ހޮޓާތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ މީލާދީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން ޖެހެ އެވެ.
ޓޫރިޒަމް ނޫން ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާ ޖަމާކުރުމާއި މާރުކުރުން މަޖުބޫރު ވަނީ 2022 ގެ ތެރޭގައި 15 މިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް އެކަންޏެވެ. މި ވިޔަފާރިތަކަށް ވެސް މީލާދީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރެވެ.

7 Comments
ގުޅުންހުރި
ރާއްޖޭގެ ޔުނިވާސިޓީއަކުން އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވި ފުރަތަމަ ބޭފުޅަކަށް ޝައިހް އިސްމާއިލް
މިއީ ހޫނު ދުވަސްވަރެއް، ކޮންމެހެން ބޭނުންވާ މިންވަރަށް އެކަނި ކަރަންޓު ބޭނުންކުރޭ:
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
ގާޒާގެ ކުޑަކުދިން ކައިގެން ތިބެނީ ދުވާލަކު އެއްއިރު!
އިނގުރައިދޫ މީހުން މިދިލިއޮށް ހޮވުން ކައުންސިލުން މަނާކޮށްފި