ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދުގެ ދަށުން ވޭޕް އަތުލުމުގެ ބާރު ފުލުހުންނަށް ދީފި އެވެ.
ހެލްތް މިނިސްޓްރީން މިއަދު އާންމުކުރި އެ ގަވާއިދުގައިވާ ގޮތުން ރާއްޖެއަށް އެތެރެކުރުން މަނާ އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ބޭނުންކުރުން މަނާ ތަނެއްގައި ބޭނުންކުރަނިކޮށް ފެނިއްޖެނަމަ ނުވަތަ އަތުގައި އޮތް ނަމަ ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ގާނޫނަކުން ލިބިދޭ ބާރެއްގެ ދަށުން ނުވަތަ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުގެ ތެރޭގައި އެފަދަ އެއްޗެއް ފެނިއްޖެ ނަމަ، އެ އެއްޗެއް ކަމާގުޅޭ ތަންފީޒީ އިދާރާގެ ބާރުގެ ދަށަށް ނެގިދާނެ އެވެ.
ގަވާއިދުގެ ދަށުން މަނާ އެއްޗެއް އެއްވެސް މީހެއްގެ އަތުން ފެނިއްޖެނަމަ އެ މީހަކު 2،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެ އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދުގެ ދަށުން އަންގާ އެންގުމަށް އަމަލުނުކުރާ މީހަކު 50،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ. އެންގުމާ ހިލާފު ވަނީ ގާނޫނީ ޝަހުޝެއް ނަމަ އެ ފަރާތެއް 100،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
އެ ގަވާއިދުގައި ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ވެސް ހިމަނައިފަ އެވެ. އެ ތަންތަނުގެ ތެރޭގައި މިސްކިތްތަކާއި ސްކޫލްތަކާއި މަދަރުސާތަކާއި އެ ތަންތަނުގައި ހާމަކޮށް އޮންނަ ބިންތަކުގައި އަދި އެ ތަންތަނުގެ ގޯތިތެރޭގައި ހުންނަ އިމާރާތްތަކުގެ އިތުރުން އެ ތަންތަނަށް ވަދެ ނުކުންނަ ދޮރާއި ދޮރާށިތަކުގެ އިމުން ފެށިގެން 25 ފޫޓުގެ ރޭޑިއަސް ހިމެނެ އެވެ.
އަދި ސިއްހީ ހިދުމަތްދޭ ތަންތަނާއި މަތީ ތައުލީމު ދޭ ތަންތަނާއި އެ ތަންތަނުގެ ދޮރުމައްޗާއި ކުޑަކުދީން ބަލަހައްޓައި ތަރުބިއްޔަތު ދޭ ތަންތަނުގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެ އެވެ.
މީގެ އިތުރުން ބޭސްފިހާރަތަކާއި ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމުގެ މަގުސަދުގައި ހިންގާ ންތަނުގެ އިތުރުން ދައުލަތުގެ ހުރިހާ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކާއި ގާނޫނީ ޝަހުޝުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ރަސްމީ ޒިންމާތައް އަދާކުރާ އެންމެހައި ތަންތަނާއި ގޯތިތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނެ އެވެ.

6 Comments
ގުޅުންހުރި
އިނގުރައިދޫ މީހުން މިދިލިއޮށް ހޮވުން ކައުންސިލުން މަނާކޮށްފި
ދުންފަތް ވިޔަފާރިކުރުމުގެ ލައިސެންސް ހޯދަން ހުޅުވާލައިފި
ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފި
ރިސޯޓެއް ކައިރިން ކިނބުލެއް ފެނިއްޖެ
މާލޭ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓިފައި އޮއްވާ ފެނިއްޖެ،
ޒުވާނުން އަލުން މަހަށް ދާން ފަށައިފި، އެއީ ބޭނުންވި ގޮތް: ރައީސް