ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދުގެ ދަށުން ފިލްމުތަކާއި ސްޓޭޖު ޑްރާމާތަކުގައި އަދި ވީޑިއޯ ގޭމުތަކުގައި ދުންފަތުގެ ބާވަތްތައް ބޭނުންކުރާ މަންޒަރު ދެއްކުން މަނާ ކޮށްފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ނެރެފައިވާ ގަވާއިދުގައިވާ ގޮތުން ވެބްސައިޓްތަކާއި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ދުންފަތުގެ ބާވަތްތައް އިސްތިހާރު ކުރުމަކީ މަނާ ކަމެކެވެ. އަދި ރާއްޖޭގައި އުފައްދާ ފިލްމާއި ސްޓޭޖް ޑްރާމާއާއި ވީޑިއޯ ގޭމް ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތެއްގައި ދުންފަތުގެ ބާވަތްތައް ބޭނުންކުރާ މަންޒަރު ދެއްކުމަކީވެސް މަނާ ކަމެކެވެ.
ދުންފަތުގެ މަންޒަރެއް ހިމަނާ ނަމަ ފިލްމު، ޑްރާމާ ނުވަތަ ވީޑިއޯ ގޭމް އުފެއްދި ފަރާތަށް ނުވަތަ އޭގައި ބައިވެރިވި ފަރާތަކަށް އެއްވެސް ފައިސާއެއް ނުވަތަ ހަދިޔާއެއް ނުވަތަ މާލީ އެއްވެސް މަންފާއެއް ލިބިފައިނުވާކަމުގެ އިގުރާރެއް އެ ހަރަކާތެއް ފެށިގެންދާއިރު ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ގެނެސްދޭން ޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދުގެ ދަށުން އަންގާ އެންގުމަށް އަމަލުނުކުރާ މީހަކު 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ. އެންގުމާ ހިލާފުވަނީ ގާނޫނީ ޝަހުޝެއް ނަމަ އެ ފަރާތެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
ގަވާއިދުގައިވާ ގޮތުން ރާއްޖެއަށް އެތެރެކުރުން މަނާ އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި، އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ބޭނުންކުރުން މަނާތަނެއްގައި ބޭނުންކުރަނިކޮށް ފެނިއްޖެނަމަ ނުވަތަ އަތުގައި އޮތް ނަމަ ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ގާނޫނަކުން ލިބިދޭ ބާރެއްގެ ދަށުން ނުވަތަ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުގެ ތެރޭގައި އެފަދަ އެއްޗެއް ފެނިއްޖެ ނަމަ، އެ އެއްޗެއް ކަމާގުޅޭ ތަންފީޒީ އިދާރާގެ ބާރުގެ ދަށަށް ނެގިދާނެ އެވެ.
ގަވާއިދުގެ ދަށުން މަނާ އެއްޗެއް އެއްވެސް މީހެއްގެ އަތުން ފެނިއްޖެނަމަ އެ މީހަކު 2،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި
އެ ގަވާއިދުގައި ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ވެސް ހިމަނައިފަ އެވެ. އެ ތަންތަނުގެ ތެރޭގައި މިސްކިތްތަކާއި، ސްކޫލްތަކާއި، މަދަރުސާތަކާއި، އެ ތަންތަނުގައި ހާމަކޮށް އޮންނަ ބިންތަކުގައި އަދި އެ ތަންތަނުގެ ގޯތިތެރޭގައި ހުންނަ އިމާރާތްތަކުގެ އިތުރުން އެ ތަންތަނަށް ވަދެ ނުކުންނަ ދޮރާއި ދޮރާށިތަކުގެ އިމުން ފެށިގެން 25 ފޫޓުގެ ރޭޑިއަސް ހިމެނެ އެވެ. އަދި ސިއްހީ ހިދުމަތްދޭ ތަންތަނާއި، މަތީ ތައުލީމުދޭ ތަންތަނާއި، އެ ތަންތަނުގެ ދޮރުމައްޗާއި، ކުޑަކުދީން ބަލަހައްޓައި ތަރުބިއްޔަތުދޭ ތަންތަނުގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ވާނެ އެވެ.
މީގެ އިތުރުން ބޭސްފިހާރަތަކާއި، ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމުގެ މަގުސަދުގައި ހިންގާ ންތަނުގެ އިތުރުން ދައުލަތުގެ ހުރިހާ އިދާރާތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ގާނޫނީ ޝަހުޝުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ރަސްމީ ޒިންމާތައް އަދާކުރާ އެންމެހައި ތަންތަނާއި ގޯތިތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނެ އެވެ.

1 Comment
ގުޅުންހުރި
ސިނގިރޭޓް އަގުބޮޑުކޮށް ވޭޕް މަނާކުރުމުން މޫނަށް ދުންބުރުވާ މީހުން މަދުވެއްޖެ: ރައީސް
ދުންފަތް ވިއްކާ މީހުން ތިބީ އަޅުގަނޑު ދެކެ ހިތްހަމަނުޖެހިފައި: އެކަމަކު ވަރިހަމަ:
2007 އިން ފެށިގެން އުފަންވި މީހުނަށް ދުންފަތް މަނާކުރާ ބިލު ރައީސް
ދުންފަތާ ދެކޮޅަށް ރައީސް ކުރައްވާ މަސައްކަތަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލްގެ ހާއްސަ
ދުންފަތް ވިޔަފާރިކުރުމުގެ ލައިސެންސް ހޯދަން ހުޅުވާލައިފި
ޒުވާނުން ދުންފަތާ ދުރުކުރުމުގެ މަގުސަދުގައި ”ޖެނެރޭޝަން ބޭން“ އެއް ތައާރަފުކުރަނީ