ދިވެހި ސަރުކާރަށް 46 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މ. މާކަރީ/ އަހުމަދުމަނިކު ނުވަތަ މަޝްހޫރު ނަމުންނަމަ ޖާދޫ އަހުމަދުމަނިކު ނިޔާވެއްޖެ އެވެ.
އޭނާ ނިޔާވިއިރު އުމުރަކީ 88 އަހަރެވެ. އޭނާގެ ކަށުނަމާދު މިއަދުގެ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ވަނީ ބާއްވައިފަ އެވެ.
ޖާދޫ އަހުމަދުމަނިކު ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1 ފެބްރުއަރީ 1957 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޕޯސްޓް އޮފީހުގެ ޕިޔޯނު ކަމުގެ ވަޒީފާ އެވެ. 13 ޖުލައި 1957 ގައި އައްޑުއަތޮޅުގައި ހުންނަ ލިއެޒަން އޮފިސަރގެ އޮފީހުގެ ޕިޔޯނު ކަމުގެ ވަޒީފާއަށް ބަދަލުކުރި އިރު, އޭގެފަހުން، ވަޒީރުލް އައުޒަމްގެ އޮފީހުގައިވެސް ޕިޔޯނު ކަމުގެ ވަޒީފާ އަދާކުރެއްވި އެވެ.
8 އޮގަސްޓު 1959 ގައި އަހުމަދުމަނިކު، މަހްކަމަތުލް އަމަންއާންމުގެ ސިފައިންގެ މީހެއްގެ ވަޒީފާއަށް ބަދަލުކުރެއްވި އެވެ. އޭގެ 17 އަހަރު ފަހުން 6 ޖުލައި 1976 ގައި އެންއެސްއެސްގެ މީހެއްގެ ވަޒީފާއަށް ބަދަލުކުރެއްވި އެވެ.
އަހުމަދުމަނިކަކީ، އޭރު ސިފައިންގެއިން ހިންގި ބޮޑެތި އޮޕަރޭޝަންތަކުގައި، މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ ސަރަހައްދަށް ވަގަށް ވަންނަ ބޯޓުފަހަރު، ސިފައިންގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި ފޮނުއްވި ސިފައިންގެ ތެރޭގައި ހިމެނިވަޑައިގެން، އޭނާ އިސް ދައުރެއް އަދާކުރެއްވި އެވެ.
އެންއެސްއެސްގެ 4 ނަންބަރު ސަރުދާރުކަމުން އަހުމަދުމަނިކު ދެން ބަދަލުކުރެއްވީ، އެޑިއުކޭޝަން މިނިސްޓްރީގެ ސަރުދާރު ކަމުގެ ވަޒީފާއަށެވެ. އޭގެފަހުން، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ އެސިސްޓެންޓް ކިއުރޭޓާކަމުގެ ވަޒީފާއަށް 18 ޖުލައި 1982 ބަދަލުކުރި އެވެ. އަދި ފަހުން ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ އެސިސްޓެންޓް ކިއުރޭޓަރުގެ މަގާމާއި ދާރުލްއާސާރުގެ އެސިސްޓެންޓް ކިއުރޭޓަރު ކަމުގެ މަގާމުވެސް އޭނާ ފުރުއްވި އެވެ.
އަހުމަދުމަނިކު ފަހުން ބަދަލުކުރެއްވީ ސެލެކްޓެޑް އައިލެންޑްސް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސިސްޓެންޓް ސައިޓް މެނޭޖަރު ކަމުގެ މަގާމަށެވެ. އެއީ 20 އޮކްޓޫބަރު 1997 ގައެވެ. އޭގެފަހުން، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް ސައިޓް މެނޭޖަރުކަމާއި މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ އެސިސްޓެންޓް ސައިޓް މެނޭޖަރުކަން އަދާކުރެއްވި އިރު, 29 އޮގަސްޓު 2006 ގައި، އެ މިނިސްޓްރީގެ ސައިޓް މެނޭޖަރު ކަމުގެ މަގާމަށް ބަދަލުކުރެއްވި އެވެ.
ސަރުކާރަށް 46 އަހަރާއި 10 މަހަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވުމަށްފަހު އޭނާ ރިޓަޔާ ކުރެއްވީ 1 މޭ 2008 ގައެވެ.


