ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.
އެ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ސަލްޓަންޕާކު މަރާމާތު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމުގެ މައުލޫމާތު މިހަފުތާގެ އަންގާރަ ދުވަހުގެ ހެނދުނު 9:00ގައި ހ. ހުޅުގަލި، އެއްވަނަ ފަންގިފިލާގައި ހުންނަ މާލެ ސިޓީ ކައުންސިލުގެ އެޑްމިން ސެކްޝަން، މީޓިން ރޫމަށް ދިއުމުން ލިބޭނެ ކަމަށެވެ.
ބީލަމުގެ އަގު ހުށަހެޅުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10:00ގައި އެ ކައުންސިލުގެ އެޑްމިން ސެކްޝަން، މީޓިން ރޫމްގައެވެ. އަގު ހުށަހެޅުމަށް ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީ އެތަން މަރާމާތު ކުރަން ފެށުމަށް ފަހު ހުޅުވާނީ، އެތަނުގައި މިހާރު ކުޑަކުދިން ބޭނުންކުރަމުންދާ ކުޅޭ ސަރަހައްދަކީ އެކުދިންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ކަށަވަރު ކުރުމަށްފަހުގައި ކަމަށެވެ. އަދި ސަލްޓަން ޕާކު އަލުން އާރާސްތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.
ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާން ކުރި އިރު، ސަލްޓަން ޕާކުގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށާއި އެ ތަނުގެ ރީތިކަން އަނބުރާ ހޯދައިދީ އިތުރަށް ފުރިހަމަ ކޮށްދޭން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އޮތީ ވިދާޅުވެފަ އެވެ.
ރައީސް އެހެން ވިދާޅުވި އިރު، މާލެ ސިޓީގެ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވަނީ އެކަން ކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ.

ގުޅުންހުރި
އެހެން މަގާމަކަށް ވަޑައިގަތުމަށް މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް އިސްތިއުފާ ދެއްވައިފި
ރަސްފަންނާއި ސަލްޓަން ޕާކުގެ މަރާމާތު މަސައްކަތް ފަށަން ވަނީ ތައްޔާރުވެފަ: ކައުންސިލް
ހުއްދަ ނުހޯދައި ފާރު ތަޅާ މީހުންނަށް ފިޔަވަޅު އަޅަނީ
މާލެ ސިޓީ ކައުންސިލަށް ފުރަތަމަ ފަހަރަށް އިންޓާނަލް އޮޑިޓަރަކު ހަމަޖައްސައިފި
ގަލޮޅު ސަހަރާގައިހުރި ބައެއް ގަބުރުތައް ނަގަނީ
ކެޓް ޝެލްޓާ ހަދަން ދިޔަ ހަރަދު ދިނުމުން މިނިސްޓްރީއާ އެތަން ހަވާލުކުރާނަން!