ރޯދަ މަހު ތަކެތީގެ އަގުބޮޑުވިޔަ ނުދޭނަން، ގެނެވުނު ގޮތަކަށް ގެނެސް އަގުހެޔޮ ކުރާނަން: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ---

ކުރިއަށް އޮތް ރޯދަ މަހު ތަކެތީގެ އަގު ބޮޑުވިޔަ ނުދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މިނިސްޓަރުންނާ ސުވާލުކުރުމަށް މިރޭ ބޭއްވި ’އަހާ‘ ފޯރަމްގައި ސައީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ކޮމިޓީއެއް އުފައްދަވައިގެން ކުރެއްވި މަސައްކަތްޕުޅުން މިދިޔަ އަހަރުގެ ރޯދަ މަހުވެސް ސަރުކާރުން ވަރަށް ރަނގަޅަށް ތަކެތީގެ އަގު މެނޭޖުކުރި ކަމަށެވެ.

އެގޮތުން މިއަހަރުގެ ރޯދަ މަހުވެސް އެގޮތަށް އަގުތައް މެނޭޖުކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޯދަ މަހު އެއްވެސް އެއްޗެއްގެ އަގު ބޮޑުވާނަމަ ސަރުކާރުން އެކަމާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން މިހާރުވެސް އެސްޓީއޯ އިން ބައެއް ތަކެތީގެ ޝިޕްމަންޓްތައް ގެނެސްފައިވާކަން ފާހަގަކުރެއްވި އެވެ.

”…އެއްތަނަކުން ނުލިބިއްޖެއްޔާ އެހެން ތަނަކުންވެސް ގެންނާނެ. މާނައަކީ އެއް ގައުމުން ނުލިބިއްޖެއްޔާ އެހެން ގައުމަކުންވެސް ގެންނާނެ، ކަނޑުމަގުން ނުގެނެވޭ ކަމަށްވަންޏާ އެއަރ ފްރައިޓްކޮށްވެސް އިރާދަކުރެއްވިއްޔާ ގެންނާނެ. އަޅުގަނޑުމެންގެ ޓާގެޓަކީ އެއްޗެއްގެ އަގު ބޮޑުވާ މައްސަލަ އައިއްސި ކަމަށްވަންޏާ އިމީޑިއެޓްލީ އެއަށް އެޓެންޑްވުން.“ ސައީދު ވިދާޅުވި އެވެ.