މަދިރި މަދުކުރަން ހަރަކާތެއް: ގެންނަ ކޮންމެ ފަސް މަދިރިއަށް 25 ލާރި!

ފިލިޕީންސްގެ އެންމެ ތޮއްޖެހިފައިވާ އެއް އާބަން ސެންޓަރުގައި ޑެންގޫ ފެތުރުން ހުއްޓުވުމަށް މަދިރި ހިފައިގެން އައުމުން ފައިސާގެ އިނާމެއް ދޭން ފަށައިފި އެވެ.

މެނީލާގެ މެދުތެރޭގައި އޮންނަ 162 ހެކްޓަރުގެ ބަރަންގޭ އެޑިޝަން ހިލްގައި އެ ހަރަކާތް ފެށީ ޑެންގޫ ޖެހިގެން ދެ ސްކޫލް ކުއްޖަކު މަރުވުމުންނެވެ.

ގާތްގަނޑަކަށް 70,000 މީހުން ދިރިއުޅޭ އެ އަވަށުގެ ވެރިޔާ, ކާލިޓޯ ސާނަލް ބުނި ގޮތުގައި މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ހަރަކާތުގައި ހިފައިގެން އަންނަ ކޮންމެ ފަސް މަދިރިއަކަށް އެއް ޕޭސޯ ދޭނެ އެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ ނަމަ 25 ވަރަކަށް ލާރި އެވެ.

އެ ހަރަކާތުގެ ދަށުން މަދިރި މަރައިގެންނާއި ދިރޭ މަދިރި އަދި މަދިރި ފަންޏަށްވެސް ފައިސާ ދޭނެ އެވެ. ދިރޭ މަދިރިތައް މަރާނީ ޔޫވީ ލައިޓް ދީގެންނެވެ.

ކާލިޓޯ ސާނަލް ބުނި ގޮތުގައި އެ ހަރަކާތުގެ ދަށުން މިހާތަނަށް 21 މީހަކު ވަނީ އިނާމު ހޯދައިފަ އެވެ. އެއީ 700 މަދިރިއާއި އޭގެ ފަނި ގެނެސްގެންނެވެ.

މި ހަރަކާތަށް ގިނަ ބަޔަކު ފާޑުކީ ނަމަވެސް ކާލިޓޯ ބުނި ގޮތުގައި މިއީ ކޮމިއުނިޓީ ހެލްތަށް މުހިންމު ހަރަކާތެކެވެ. އަދި މިއީ މައި ސަރުކާރަށް އެހީވުމަށް ކޮންމެވެސް ކަމެއް ކުރަންޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.