ފެބްރުއަރީ 22, 2025

މިއަހަރު އީދަށް 36 ރަށެއް ދިއްލަން ވަނީ ހަމަޖެހިފައި: މިނިސްޓަރު

މިއަހަރު ވެސް އީދުގައި ގިޑިގެތައް ބަހައްޓައި، ރަށްރަރުގައި ބޮކި ދިއްލުމަށް ހަމަޖެހިފައިވާ ކަމަށް ލޯކަލް ގަވަނެސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަައި އާދަމް ޝަރީފު ވިދާޅުވީ މިއަހަރު ކޮންމެ އަތޮޅެއްގެ ދެ ރަށުގައި ބޮކިތައް ދިއްލުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެއީ 36 ރަށެއް ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

މިދިޔަ އަހަރު އީދު ބޮކިތައް ދިއްލުމުން އިތުރު ރަށްރަށުން ރިކުއެސްޓް ކުރަމުން ދިޔަ ކަމަށާއި އެހެންވެ، މިއަހަރު ކޮންމެ އަތޮޅެއްގެ ވެސް މީހުން ދިރިއުޅޭ އެންމެ ގިނަ ދެ ރަށުގައި އީދު ލައިޓުތައް ދިއްލާނެ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

އެކަމަށް ކިހާ ހަރަދެއް ހިނގާތޯ ނޫސްވެރިއަކު ސުވާލުކުރުމުން އާދަމް ޝަރީފް ވަނީ 28 މިލިއަން ރުފިޔާ، އެކަމަށް ހޭދަވިޔަސް އެކަމަކީ ކުރަން ރަނގަޅު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

”ލައިޓުތަކަކީ ވެސް ކުރިއަށް އޮތް ތަނުގައި ބޭނުންކުރެވޭނެ އެއްޗެހި. މާލެއަކަށް ނުގެންނަން. ކުރިން ގެނައި ރަށްރަށަށް ނުގެންނަން. އެހެންވީމަ މިއަހަރު 36 ރަށަށް ހޭދަވާނެ ކަމަށް އެންމެ ގިނަވެގެން ވެސް ހޭދަވާނެ ކަމަށް ބެލެވެނީ 28 މިލިއަން،“

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއަކީ ތަހުޒީބު، ރީއްޗަށް ލޯބިކުރާ ބަޔަކު އުޅޭ ތަނެކެވެ. އަދި އީދުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ވަރަށް ބޮޑަށް ބޭނުންވާ ބައެއް ކަން ވެސް ފާހަގަކުރެއްވި އެވެ.