ރޯދަ މަސް އަންނައިރު ކޮންމެ ރައްޔިތަކީ ދޮގު ހެދުމާއި ގީބަ ބުނުމާއި ނެތިމޮށުމާއި މީހުންގެ އަބުރަށް އަރައިގަތުމާއި މިފަދަ ވިހަ އާދަތަކުން އަމިއްލަ ނަފުސު ތޯހިރުކުރުމަށް އަޒުމް ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނަސޭހަތްތެރިވެވަޑައިގެންފި އެވެ.
ރައީސް އެގޮތަށް ނަސޭހަތްތެރިވެވަޑައިގަތީ ދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
”ކޮންމެހެން ސިޔާސީ މައިދާނަކު ނޫން. އާއިލީ ގުޅުންތަކުގެ ތެރޭގައިވެސް ވިޔަފާރި ތެރޭގައިވެސް، އޮފީސްތަކުގައިވެސް، ދޭދޭ އަފުރާދުންގެ މެދުގައިވެސް ދޮގު ހެދުމާއި ގީބަ ބުނުމާއި ނެތިމޮށުމާއި މީހުންގެ އަބުރަށް އަރައިގަތުމާއި މިފަދަ ވިހަ އާދަތައް މި އިސްލާމީ މުޖުތަމައުގައި ފެތުރިފައި މި އޮތީ. އަޅުގަނޑުމެންގެ އަޒުމަކަށް ހަދަމާތޯ މި ބަރަކާތްތެރި ރަމަޟާން މަސް އަންނައިރުގައި އަޅުގަނޑުމެންގެ އަމިއްލަ ނަފުސު މިކަމުން ތޯހިރުކުރަން. އެއީ ފިކުރީ ތަރައްގީއެއް،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ގައުމެއް ތަރައްގީ ކުރުމަކީ މަޝްރޫއުތައް ކުރިއަށް ގެންދިއުން އެކަނި ނޫން ކަމަށާއި ސުކުނޑިއާއި ހިތް ތަރައްގީވާން ޖެހޭނެ ކަމަށެވެ. އަދި ކޮންމެ އިންސާނަކަށް މާތް ﷲ ދެއްވާފައިވާ ސިކުނޑިއަކީ އަމާނާތެއް ކަމަށާއި އެހެންކަމުން އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފަންޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަހަށްވާތީ އަޅުގަނޑު އިލްތިމާސް ކުރަނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުމެންނަކީ މިކަމުގައި އަޒުމް ކަނޑައަޅާ ބަޔަކަށް ވާން، ދޮގު ހެދުމާއި ނެތިމޮށުމާއި ގީބަ ބުނުމާއި މިފަދަ ހުރިހާ ދުލުގެ ނުބައި ކަމަކާ އަތުންކުރާ ހުރިހާ ނުބައިކަމަކުން އަނެއް މުސްލިމު އަހާ/އުހުތާއަކީ ސަލާމަތްވެގެންވާ، މާނައަކީ އެކަންތައް އެއީ ތިމާ ނުކުރާ މީހަކަށް ވުމަށާއި އެފަދަ ކަންތައް ކުރާ މީހާ ކުރީމައި އެ މީހާގެ ފެންވަރަށް ތިމަންނަ ނުވެއްޓުމަށް. މި ދެ ކަންތަކަށް އަޒުމް ކަނޑައަޅަންވީ އަޅުގަނޑުމެން،“ ރައީސް ވިދާޅުވި އެވެ.
މިރޭގެ ވާހަކަފުޅުގައި ރައީސް ވަނީ ދޮގު ހެދުމާ ގުޅޭ ގޮތުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ހަދީޡްތަކުން މިސާލު ނަންގަވައިގެން، ވަރަށް ގިނަ ވަގުތު އެ މައުޟޫގައި ވާހަކަފުޅު ދައްކަވައި ނަސޭހަތް ދެއްވައިފަ އެވެ.

50 Comments
ގުޅުންހުރި
ޒުވާނުން އަލުން މަހަށް ދާން ފަށައިފި، އެއީ ބޭނުންވި ގޮތް: ރައީސް
ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 515 ދުވަސް ފަހުން ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ސިނގިރޭޓް މަނާކުރުމުގައި ގިނަ މީހުން ބޭނުންވި ގޮތާ ހިލާފަށް ނިންމީ އިހުތިރާމް
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ބިލް ރައީސް ތަސްދީގު ކުރައްވައިފި
ސައޫދީ ފަންޑުގެ އެންމެ އިސްވެރިޔާއަށް ދިވެހި ދައުލަތުން ދޭ ތިންވަނަ އެންމެ
ދުންފަތް ވަކި އުމުރަކަށް މަނާކުރަން މިއަދު ކެބިނެޓުން ގޮތެއް ނިންމަނީ