ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރަން މިއަދު ފާސްކުރި ބިލަށް ތާއީދު ނުކުރަން މި ސަރުކާރުގެ ބައެއް ވަޒީރުންވެސް މަޝްވަރާ ދެއްވި ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހުން ފާސްކުރި ކޯޓުތަކާ ބެހޭ ގާނޫނުގެ އިސްލާހަށް ވޯޓު ނުދެއްވި ސަބަބު ބަޔާން ކުރައްވައި އަޒާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދާއިރާގެ ރައްޔިތުންނާއި ގައުމުގެ މަސްލަހަތު އިސްކުރާނެކަމުގެ ޔަގީންކަން އޭނާ ދެއްވި ކަމަށެވެ.
އެގޮތުން ކޯޓުތަކާބެހޭ ގާނޫނަށް އިސްލާހު ގެނެސް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހަށް ތާއީދު ނުކުރަން ނިންމީ ވަރަށް ގިނަ ބައެއްގެ މަޝްވަރާގެ މަތިން ކަމަށް އަޒާން ވިދާޅުވި އެވެ.
އޭގެ ތެރޭގައި ދާއިރާގެ ރައްޔިތުންނާއި ދައުލަތާއި ޕްރައިވެޓް ޕްރެކްޓިސްގައި މަސައްކަތް ކުރައްވާ ވަކީލުންނާއި ކުރީގެ ފަނޑިޔާރުން އަދި ޝަރުއީ ދާއިރާގައި ދިގު މުއްދަތަކަށް މަސައްކަތް ކުރެއްވި އަދި މިހާރުވެސް ކުރައްވާ ފަރާތްތަކާއި ސަރުކާރުގެ ވަޒީރުންނާއި ދިވެހި ގައުމަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ފަރާތްތައްވެސް ހިމެނޭ ކަމަށް އަޒާން ވިދާޅުވި އެވެ.
”މި ބިލަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ހިލާފު ބިލަކަށްވާތީ އެފަދަ ބިލަކަށް ތާއީދު ކުރުމަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާއި ހިލާފު ކަމެއް ކަމުގައި ދެކޭތީ،“ ބިލަށް ތާއީދު ނުކުރި ސަބަބު ބަޔާންކޮށް އަޒާން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮތް ނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން މެދުވެރިކޮށް އެ މައްސަލަ ބަލައި އެފަދަ މައްސަލައެއް ސާބިތުވާ ނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރުން ވަކި ކުރެވިދާނެ ކަމަށެވެ.
ނަމަވެސް އެކަން އެގޮތަށް ނުކޮށް، މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަށް އޮއްވައި ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައި ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަން މަޖިލީހުން ނިންމުމަކީ ގާނޫނީ ގޮތުން ދެކޮޅުޖެހޭ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
”އަމުދުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް އެ ކޯޓުގެ ދެ ފަނޑިޔާރެއް މަގާމުން ވަކިކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ގަބޫލެއް ނުކުރެވޭ، އެއީ ހުޅުވައިލެވިފައިވާ މިނިވަން ދިމިގުރާތީ މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުތަކާއި ދިވެހިރާއްޖެއިން ބަލައިގަނެފައިވާ މުއާހަދާތަކާ ބީރައްޓެހި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ކަނޑައެޅިގެން ހިލާފަށް ކުރެވިގެންދާ ކަމެއް ކަމަށް ވާތީ އެފަދަ ކަމެއްގައި ބައިވެރިވެ ތާއީދު ނުކުރެވޭނެ،“ އަޒާން ވިދާޅުވި އެވެ.




2 Comments
ގުޅުންހުރި
މީޑިއާ ކޮމިޝަނަށް މަޖިލީހުން ހޮވާ ތިން މެންބަރުން އައްޔަންކޮށްފި
ސަރުކާރުން އެޗްޑީސީއަށް ދިހަ ބިލިއަން ރުފިޔާ ދައްކަންޖެހޭ
ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އާސަންދަ ނުލިބޭތީ މަޖިލީހަށް ގަރާރެއް
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް އޭސީޕީ ދާއޫދު ޗުއްޓީއަށް
އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި ބަންކަރިން އިން
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމާ ގުޅޭ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި