ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް ސަރުކާރުން މިއަދު ނެރުނު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެއްވެސް މީހަކު ގަސްތުގައި އުނިކޮށްފައި ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިއްޒުއްދީން ފާލަން މަރާމާތު ކުރުމަށްފަހު އަލުން ހުޅުވުމަށް އެ ސަރަހައްދުގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު އާންމުކުރި ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންގެ ލިސްޓަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފާހަގަކުރި ކަންކަން ބަލައި، ކުރީ ސަރުކާރުން އިއުލާން ކުރި ޝަރުތުތަކާއި ޕޮއިންޓް ދޭނެ އުސޫލުތަކަށް ބަލައިގެން ނެރެފައިވާ ލިސްޓެއް ކަމަށެވެ.
އަދި ފްލެޓް ނުލިބުނު މީހުންނަށް ޝަކުވާ ހުށަހެޅުމަށް އެއް މަސް ދުވަހުގެ ފުރުސަތެއް އޮންނާނެ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު ގަސްތުގައި ލިސްޓުން އުނިކޮށްފައި ނުވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
”ހަމަ ޔަގީނުންވެސް ގަސްތުގައި އެއްވެސް މީހަކު ލިސްޓުން އުނިކޮށްފައެއް ނުވާނެ. މި ސަރުކާރަކީ ދިވެހި ހުރިހާ ރައްޔިތުންނަށް އެ ރައްޔިތެއްގެ ހައްގުތައް އަދި އޭގެ އިތުރަށްވެސް ކަންކަން ފުރިހަމަ ކޮށްދިނުމުގައި އިންތިހާއަށް ޝައުގުވެރިކަން ހުރި، ލޯތްބާއި ކުލުނާއެކު ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އަދުލުވެރިކަމާއެކީގައި ކޮންމެ ރައްޔިތަކަށް ހިދުމަތް ކުރަން އައި ސަރުކާރެއް. މީހަކަށް ލިބިފައި އޮތް އެއްޗެއް އަމުދުން އަތުލާނެ ސަރުކާރެއް ނޫން. އެކަމުގެ ޝައުގުވެރިކަން އޮތް ސަރުކާރެއް ނޫން،“ ރައީސް ވިދާޅުވި އެވެ.
މި ލިސްޓު ނެރުމުގައި އެއްވެސް މިންވަރެއްގެ ނުފޫޒެއް ފޯރުވާފައި ނުވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެ ރައީސް އިތުރަށް ވިދާޅުވީ، އެއީ ރައްޔިތުންނަށް ސަރުކާރުން ދޭނެ އެންމެ ބޮޑު ޔަގީންކަން ކަމަށެވެ.
”އަޅުގަނޑު ދޭނެ ޔަގީންކަމަކީ، ހަމަ ޔަގީންކަމާއެކު ދޭ ޔަގީންކަމެއް މިއީ އެންމެ ބޮޑު ޔަގީންކަމަކީ މި ލިސްޓު ހެދުމުގައި ޒައްރެއްގެ މިންވަރުގެވެސް ނުފޫޒެއް އެއްވެސް ފަރާތަކުން ފޯރުވާފައި ނުވާނެކަން. މިއީ ނުފޫޒުން އެއްކިބާވެގެން ނެރެފައިވާ ލިސްޓެއް. މިއީ ރާއްޖޭގައި އަޅުގަނޑު ހިތުން އަޅުގަނޑަށް ހަމަ ޔަގީނުންވެސް ގެދޮރުވެރިކަމުގެ ދާއިރާގައި ކަންކަމުގެ މައުލޫމާތު އެނގެންފެށި ހިސާބުން އަދި އެކިއެކި ހައިސިއްޔަތުތަކުން، އެންމެ ޖޫނިއާ ލެވަލްއިން ފެށިގެން ސަރުކާރުގެ މިކަމާބެހޭ ދާއިރާތަކުގައި އުޅެންފެށި ހިސާބުން ބެލިޔަސް ނުފޫޒެއް ނުފޯރުވައި ގެދޮރުލިބޭނެ މީހުންގެ ލިސްޓެއް ނުކުތް ފުރަތަމަ ފަހަރު. ނުފޫޒެއް ނޯންނާނެ މި ލިސްޓަކު،“ ރައީސް ވިދާޅުވި އެވެ.




48 Comments
ގުޅުންހުރި
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ: ރައީސް
އޭޕްރީލަށް ރަސްމާލެ ހިއްކައި ނިންމައިލެވޭނެ: ރައީސް
ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10،000
ރައީސް، ވިލިމާލޭ ރައްޔިތުންނާ މާދަމާ ބައްދަލުކުރައްވަނީ
ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ 2 ބިލިއަން ހުސްކޮށްލި އިރު، ގާބުރިއެއް