މާރޗް 9, 2025

މިއީ އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ވަގުތުތައް، މި ގަޑިތަކުގައި ކަރަންޓު އިގުތިސާދު ކުރޭ!

މި ރޯދަ މަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުކަމަށް ފާހަގަކުރެވިފައިވާ ގަޑިތަކުގައި ކަރަންޓު އިގުތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯ އިން އިލްތިމާސްކޮށްފި އެވެ.

ސްޓެލްކޯ އިން މިއަދު ވަނީ މި ރޯދަމަހުގެ ފުރަތަމަ ހަތް ދުވަހު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކޮށްފައިވާ މިންވަރު އަންގައިދޭ ޗާޓެއް ހިއްސާކޮށްފަ އެވެ.

ސްޓެލްކޯ އިން ބުނީ، މި ރޯދަމަހުގެ ފުރަތަމަ ހަތް ދުވަހު މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުން ކުރެވެމުންދާކަން ފާހަގަކުރެވިފައިވަނީ އެއް ޕެޓާންއަކަށް ކަމަށެވެ. އެގޮތުން ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6 އާ ހަމައަށް ކަރަންޓު ބޭނުންކުރާ މިންވަރު ދަށްވެ، ހެނދުނު 6 އިން 9 ޖެހުމާއި ހަމައަށް އެއްހަމައެއްގައި މަތިވަމުންގޮސްފައިވާ ކަމަށް ބުންޏެވެ.

އަދި ހެނދުނު 9 އިން ފެށިގެން މެންދުރު 5 އާ ހަމައަށް، ކަރަންޓު ބޭނުންކުރަމުންދާ މިންވަރު އިތުރުވާ ކަމަށްވެސް ބުންޏެވެ.

އޭގެ ސަބަބެއް ކަމަށް ސްޓެލްކޯ އިން ބުނީ، އެ ގަޑިތަކަކީ ހޫނު ގަދަވުމާއި އޮފީސް ގަޑިއަށްވުމާއި އަދި ބަދިގޭގެ އެޕްލަޔަންސްތައް ގިނައިން ބޭނުންކުރާ ވަގުތަކަށް ވުމެވެ.

ސްޓެލްކޯ އިން ބުނީ، ހަވީރު 5 ން ފެށިގެން ރޭގަނޑު 7 ޖެހުމާ ހަމައަށް ކަރަންޓު ބޭނުންކުރާ މިންވަރު ދަށްވި ނަމަވެސް، އޭގެ ފަހުން ދަންވަރު 12 ޖެހުމާ ހަމައަށް މެންދުރުގެ ލޯޑާއި އެއްވަރެއްގައި ކަރަންޓު ބޭނުން ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ސްޓެލްކޯ އިން އާންމުކޮށްފައިވާ ޝީޓުން ދައްކާ ގޮތުން މި ރޯދަމަހުގެ ފުރަތަމަ ހަތް ދުވަހު މާލެ ސަރަހައްދުގައި އެންމެ މަދުން ކަރަންޓު ބޭނުންކޮށްފައިވަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ އެ ދުވަހު ވާރޭ ވެހުމާއި އޮފީސްތައް ބަންދު ކުރުމުންނެވެ.