އޭޕްރިލް 27, 2025

ކޮވިޑް ޕީސީއާރު ޓެސްޓް ކޮރަޕްޝަންގެ މައްސަލަ އޭސީސީއާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަނީ

ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ހެދުމަށް އައިޖީއެމްއެޗުގެ ލެބޯޓަރީގައި ބޭނުންކުރި ”ރީއެޖެންޓްސް“ އަމިއްލަ މަސްލަހަތު އޮތް ކުންފުންޏަކަށް ދިން މައްސަލާގައި އެ ހޮސްޕިޓަލްގެ އޭރުގެ ސީއީއޯ އަހުމަދު ސަލީމް (ކުޑަަބަންދޭ)އާއި ކޮވިޑްގެ ދުވަސްވަރު އައިޖީއެމްއެޗުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަން ކުރެއްވި ޑރ. އަލީ ލަތީފުގެ މައްޗަށް ކުރެވޭ ތުހުމަތުތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަން ފަށައިފި އެވެ.

އޭސީސީގެ އޮފިޝަލަކު ވިދާޅުވީ އެ ޖޮއިންޓް ތަހުގީގަކީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން އަންގައިން ކުރާ ތަހުގީގެއް ކަމަށެވެ.

ޕީސީއާރް ޓެސްޓް މައްސަލައިގައި ލަތީފު، އަހުމަދު ސަލީމް އަދި އައިޖީއެމްއެޗުގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލް މުހުސިންގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 2024 އޮގަސްޓް 20 ގަ އެވެ. އެ ތިން މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ހުށަހެޅީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި ކަމަށް އޭސީސީން ބުނެފައިވެ އެވެ. ނަމަވެސް ޕީޖީ އޮފީހުން އެ މައްސަލައިގައި ނިންމައިފައިވަނީ މައްސަލަ އަލުން ތަހުގީގުކުރަން އެންގުމަށެވެ.

ލަތީފަކީ ކޮވިޑުގެ ދުވަސްވަރު އައިޖީއެމްއެޗުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާގެ އިތުރުން މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ އަދި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ކޮވިޑާ ގުޅިގެން އޭރު ޓެކްނިކަލް ގޮތުން އެޅި ފިޔަވަޅުތަކުގެ އެންމެ އިސް މޭސްތިރިޔާ އެވެ.

”އަދި މައްސަލައިގެ ތަހުގީގުން ހޯދި ހޯދުންތަކުން ޑރ.އަލީ އަބްދުﷲ ލަތީފް އަދި އޭނާގެ މަސްލަހަތު އޮންނަ އާރުއެމްއެލްއެސް ލެބް ސާވިސަސް އިން މަނީލޯންޑާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީ، ވަކި މައްސަލައެއްގެ ގޮތުގައި ޑރ.އަލީ އަބްދުﷲ ލަތީފް އަދި އާރުއެމްއެލްއެސް ލެބް ސާވިސަސްގެ މަނީލޯންޑަރިންގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއަށް ވަނީ ފޮނުވާފައެވެ.“ އޭސީސީން ބުނެފައިވެ އެވެ.

އަދި ޑރ.އަލީ އަބްދުﷲ ލަތީފް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅާފައިވާ ޓެކުހާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރުހަދައި އޮޅުވާލާފައިވާކަމަށް ތަހުގީގުން ހޯދާފައިވާ ހޯދުންތަކުން ތުހުމަތު ކުރެވޭތީ، އެ މައްސަލަ ތަހްގީގުކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ވަނީ ފޮނުވާފައެވެ.

އޭސީސީން ބުނީ މި މައްސަލައިގައި، ޑރ. އަލީ ލަތީފާއި ޑރ. މިލްޒާ ގުޅިގެން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސް، އެ ދެ ބޭފުޅުންނާ މެދު ފިޔަވަޅެއް އަޅަންޖެހޭ ނަމަ އެކަން ހިއްސާ ކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.

4 Comments

  • Ibbe Rash މާރޗް 10, 2025

    Flat kannthah hindhaalan aa kameh feshy dho😂😂😂

  • Alex Dhivehi މާރޗް 10, 2025

    ACC aki dhuniyegai 2vanaah emmebodu corrupt net work.

  • Adam Manik މާރޗް 11, 2025

    Fothi roaluthah gaiy aguves balailaathi. 7000 rufiyaa ah dhey fothi roaluge bill hedhee 25000 ah roaleh kamashey kiyaa adu ivey. Meeves IGMH in kurikamekoa rashutherey viyafaariverin kiyaa ulhey.

  • Mikk Mikk މާރޗް 12, 2025

    Dhen gon guruatheh laakah thalhudhadi dhineema vee ey nun kon poit eh kiyaakah

Leave a Reply