އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތާ އެކު އޭނާގެ މައްސަލަ އޭސީސީއަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ހުށަހަޅުއްވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންގެންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ފަނޑިޔާރު އަޒްމިރަލްދާ، ފަނޑިޔާރުކަމުގެ މަގާމުން 26 ފެބްރުއަރީ 2025ގައި ސަސްޕެންޑްކޮށްފަ އެވެ. އަދި ހަމަ އެ ދުވަހު ފަނޑިޔާރު އަޒްމިރަލްދާގެ ފިރިމީހާ، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުގެ ގާޒީއަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ޖޭއެސްސީން ފަނޑިޔާރުގެ ސުލީކީ މައްސަލައެއް ބަލަން ނިންމި އެވެ.
ނަމަވެސް، ފަނޑިޔާރުންނާ ގުޅޭގޮތުން އޭސީސީން ބަލަނީ ކޮން މައްސަލައެއް ކަމެއް މިހާތަނަކަށް ނުބުނެ އެވެ.
އޭސީސީގެ ރައީސް ޝާމިލަަށް އެޑްރެސްކުރައްވައި، ފަނޑިޔާރު އަޒްމިރަލްދާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން އޭނާ އެކަހެރިކުރިއަސް އޭނާގެ މައްޗަށް އެއްވެސް ތުހުމަތެއްގައި އެއްވެސް މައްސަލައެއް ބަލާކަން އޭސީސީން އަންގާފައިނުވާ ކަމަށެވެ. އަދި މިދިޔަ މަހުގެ 26 ގައި އޭސީސީން ފަނޑިޔާރުންގެ މައްސަލަ ބަލާ ކަމަށް ބުނެ ސިޓީ ފޮނުވާފައިވަނީ ވެސް އިޖުރާއަތުތަކާ އުސޫލުތަކުގެ ބޭރުންކަމަށް މީޑިއާތަކުގައި އާއްމުވެފައިވާ މައުލޫމާތުތަކުން ގަބޫލުކުރެވޭ ކަމަށެވެ.
ސިޓީގައި އަޒްމިރަލްދާ ފާހަގަކުރެއްވި ކަންކަން:
– އޭސީސީން ޖޭއެސްސީއަށް ސިޓީ ފޮނުވާފައިވަނީ އާއްމު އުސޫލާ ހިލާފަށް ޖެމްސް މެދުވެރިކޮށް ނޫންކަމާއި އަތުން އަތަށް ސިޓީ ފޮނުވައިގެންކަން
– އޭސީސީން ފޮނުވި ސިޓީގައި ސިޓީ ނަމްބަރެއް ނެތްކަން
– އޭސީސީން އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާކަމަށް ސިޓީއަކުން ޖޭއެސްސީއަށް އެންގިއިރު އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަން އޭސީސީން ނިންމާފައިނުވާކަން
– އޭސީސީގެ އިޖުރާއަތްތައް ތަރުތީބުވެފައިވާ ގޮތުން އަޒްމިރަލްދާއާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ތަހުގީގެއް އެ ކޮމިޝަނުން މިހާތަނަށް ވެސް ފަށާފައިނުވާކަމާއި މާޗް 4، 2025 އާ ހަމައަށް ވެސް މައްސަލަ އޮތީ އިވެލުއޭޝަން ނުވަތަ ޕްރީ އިންވެސްޓިގޭޝަން ސްޓޭޖުގައިކަން އަދި އެއީ ތަހުގީގުކުރުމަށް ފެށުމުގެ ކުރިން މައުލޫމާތު އެއްކުރުމުގެ މަރުހަލާކަން
– އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ކުށުގެ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ބުނެ ޝާމިލް ޖޭއެސްސީއަށް ދީފައިވަނީ ދޮގު މައުލޫމާތެއްކަން
ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖިނާއީ ކުށެއްގެ ތުހުމަތުވެސް ނެތީސް ހައްޔަރުކުރި ޑރ. ލަތީފް ބަންދުން ދޫކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ.
”އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފުސީލާއެކު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު 27 ފެބްރުއަރީ 2025ގައި ސިޓީއަކުން ދަންނަވާފައިވާނެ،“ ފަނޑިޔާރު އަޒްމިރަލްދާ ތަމްސީލްކުރައްވާ ލޯފާމް، ޝަމީލް އެންޑް ކޯ އެލްއެލްޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި ފާހަގަކޮށްފައިވާ އެހެން ކަންތައްތައް:
– އޭސީސީން ފަނޑިޔާރާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ބުނި ނަމަވެސް ސަސްޕެންޑް ކުރިތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވީއިރުވެސް އޭސީސީން ފަނޑިޔާރުގެ މައްސަލައެއް ބަލަމުންދާ ކަމެއް ނުވަތަ އެއީ ކޮން ބާވަތެއްގެ ކުށަކާ ގުޅޭ މައްސަލައެއް ކަމެއް އަންގާފައިނުވުން
– ފަނޑިޔާރާ ގުޅޭ ގޮތުން ތަހުގީގު ކުރަމުންދާ މައްސަލައިގެ މައުލޫމާތުތައް ހޯދަން އޭސީސީއަށް ލިޔުމުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވުން
– ފަނޑިޔާރު ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމުމުގައި އަމަލުކުރި ގޮތާއި ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ބައްދަލުވުމުގެ މައުލޫމާތާއި އޭސީސީން ފޮނުވި ކަމަށް ބުނާ ސިޓީގެ ކޮޕީއެއް ހޯދުމަށް އެ ކޮމިޝަނުގައި އެދުމުން އެއްވެސް ޖަވާބެއް ދީފައިނުވުން
– ބަޔާނުގައި އިތުރަށް ބުނީ، ޑރ. ލަތީފުގެ މައްސަލައާ ގުޅުވައި ފަނޑިޔާރަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ އިސް މަގާމުތަކެއްގައި ތިބި ފަރާތްތަކަކުން މުއައްސަސާތައް ބޭނުންކޮށްގެން މަސައްކަތްކޮށްފައިވާތީ އެކަމާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގަވައި ދެއްވުމަށް 27 ފެބްރުއަރީ 2025 ގައި އޭސީސީއަށް ފަނޑިޔާރު އަޒްމިރަލްދާ މައްސަލައެއް ހުށަހެޅުއްވި ކަމަށެވެ.
”މައްސަލަ ހުށަހެޅުއްވުމުން އޭސީސީން 4 މާޗް 2025 ގައި ފަނޑިޔާރަށް އަންގަވާފައިވަނީ ފަނޑިޔާރު ހުށަހެޅުއްވި (ޝަކުވާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެންނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއް ފާހަގަކުރެވިފައިނުވާ) ކަމަށާއި (ޝަކުވާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވާ ކުށެއް މިހާތަނަށް ފާހަގަކުރެވިފައިނުވާތީ) އެ މައްސަލަ ރަޖިސްޓްރީ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.،“ ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނީ، ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން މުއައްސަސާތަކުގައި އެދިވަޑައިގެންފައިވާ މައުލޫމާތު ނުލިބޭތީ އާއި ހުށަހަޅުއްވާފައިވާ ޝަކުވާތަކާ ގުޅިގެން އެއްވެސް ޒިންމާއެއް އަދާކޮށްފައި ނުވާތީ އަޒްމިރަލްދާއަށް އިންސާފު ހޯދަން ހުރަސްއެޅިފައިވާ ކަމަށެވެ.

ގުޅުންހުރި
ކުޑަކުދިންތަކެއް މާރާމާރީ ހިންގައި އެކަކު ޒަހަމްކޮށްލައިފި
ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއު: ބޮޑުތަކުރުފާނު މަގުގައި ހައި ވޮލްޓޭޖް ހޮޅި
މަގާމުން ވަކިކުރުމުގެ ކުރިން ސީއެސްސީގެ ނައިބު އިސްތިއުފާ ދެއްވައިފި
އިއްޔެ ކަރަންޓު ބޭނުންކުރި މިންވަރު 100 މެގަވޮޓަށްވުރެ މައްޗަށް!
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމުގެ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލައްވައިފި
އެސްޓީއޯގެ ބޯޑު ޑިރެކްޓަރަކަށް ފަޒީނާ