ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މިހާރު ސަރުކާރުގެ ހަޑި ފިލުވުމަށް ބޭނުންކުރާ ބައެއް ކަމަށާއި މެންބަރުން މިހާރު ޖެހެނީ މިނިސްޓަރުންގެ ގަޔަށް އެޅޭ ކޮޕީތަށީ ސާފުކުރަން ކަމަށް ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަދައްކަވަމުން ފިއްޓޭ ވިދާޅުވީ ސަރުކާރުން ވަނީ މަޖިލިސް މެންބަރުން ވަރަށް ބޮޑަށް ”ފިއްތައިފައި“ ކަމަށެވެ. ފިއްޓޭ ވިދާޅުވީ ރިޕޯޓުތަކަށް މެންބަރުން ވޯޓު ދޭ ގޮތުން ވެސް މެންބަރުންނަށް ގޮތްގޮތްވާ ކަމަށެވެ. ބައެއް މެންބަރުން އިދިކޮޅު މެންބަރުން ވާހަކަދައްކަވާއިރުގައި ނިޒާމީ ނުކުތާ ވެސް ނަންގަވަނީ ސަރުކާރުގެ ރުހުން ހޯދަން ކަމަށް ފިއްޓޭ ވިދާޅުވި އެވެ.
”މި މަޖިލީސް ސަރުކާރުން ސިފަކުރަނީ ’ޑެގު ބުރުހެއްގެ‘ ގޮތުގައި. ސަރުކާރަށް ހެދޭ ހަޑި ފިލުވުމަށާއި ވަޒީރުންގެ އެޅޭ ކޮފީތަށި ސާފުކުރުމަށް މަޖިލީސް މެންބަރުން މި ތިބެންޖެހެނީ ރެއާއި ދުވާލު އަބަދު އެލާޓްގައި. މިއީ މިކަން އޮންނަންޖެހޭ ގޮތް ނޫން ވީމާ.“ ފިއްޓޭ ވިދާޅުވި އެވެ.
”ނިޒާމީ ނުކުތާ ނަގައިގެން އެބަހުރި ސުލޫކީ ކޮމިޓީން މާލިއްޔަތު ކޮމިޓީއާ ހަމައަށް މީހުން ގޮސްފައި. އެހެންވެގެން ނިޒާމީ އެ ނަގަނީ. ކޮންމެހެން މިތާ ނިޒާމީ މައްސަލައެއް އޮވެގެންނެއް ނޫން،“
ފިއްޓޭ ވިދާޅުވީ ސަރުކާރުގެ ހައްގުގައި މެންބަރުން ވަކާލާތު ކުރުމުގެ ބަދަލުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމަށް އަޒުމު ކަނޑައަޅަންޖެހޭ ކަމަށެވެ. މިއީ، ސަރުކާރުގެ މަޖިލީހެއް ނޫން ކަމަށާއި މިއީ ރައްޔިތުންގެ މަޖިލީހެއް ކަމަށް ފިއްޓޭ ވިދާޅުވި އެވެ.




ގުޅުންހުރި
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް