ތިނަދޫގައި އެއާޕޯޓެއް ހަދަން ހަވާލުކޮށްފައި އޮއްވައި ގދ. ގައި އިތުރު އިންޓަނޭޝަނަލް އެއާޕޯޓެއް!

ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.

އެ މަނިކުފާނު އެކަން އިއުލާން ކުރެއްވީ ކްރޮސް ސަބްސިޑީ ނުވަތަ މަޝްރޫއެއް ހިންގުމަށް ފައިސާ ދޭ މަތިން ރަށެއް/ ފަޅެއް ދޭ އުސޫލުން ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތުގެ ދަށުން ހިންގާނެ މަޝްރޫއުތަކާއި އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދާއެކު މިއަދު ނެރުއްވި ގަރާރުގައެވެ.

ރައީސްގެ ގަރާރުގައި ވިދާޅުވެފައިވާ ގދ. އަތޮޅުގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަރަދު ކުރަންޖެހޭ އެންމެ ދަށް އަގަކީ ހަތް މިލިއަން އެމެރިކާ ޑޮލަރެވެ.

ގދ. އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދަން ސަރުކާރުން ނިންމި އިރު، ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން އެ އަތޮޅު ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމުގެ އެއްބަސްވުމުގައި 20 ފެބްރުއަރީ 2024 ގައި ވަނީ ސޮއިކޮށްފައެވެ.

ރައީސް މުއިއްޒު ތިނަދުއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު ހަވާލުކުރީ ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ ޕޭން ޕެސިފިކްއާ އެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ކުރިން ބުނެފައިވާ ގޮތުން އެ އެއާޕޯޓު މަޝްރޫއަށް 400-600 މިލިއަން ޑޮލަރު (6.1-9.2 ބިލިއަން ރުފިޔާ) ކޮންޓްރެކްޓަރު އިންވެސްޓު ކުރާނެ ކަމަށެވެ. އަދި ސަރުކާރުން އެ މަޝްރޫއުއަށް އެއްވެސް ހޭދައެއް ނުކުރާނެ އެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުން އެ އެއާޕޯޓް ތަރައްގީ ކުރާނީ އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ވަރުގެ ރަންވޭއަކާއި ފްލައިން ސްކޫލެއްގެ އިތުރުން ކާގޯ ފެސިލިޓީ އާއި ފިއުލްފާމެއް އަދި އެއާކްރާފްޓުތައް ސާވިސްކުރާނެ އެމްއާރުއޯ ފެސިލިޓީ އާއެކު އެވެ.

ނަމަވެސް މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް އަދި ފަށާފައެއް ނުވެ އެވެ.