މިއީ ”ހޮޅުދޫ ބޯޓް“ގައި ރޭ އަލިފާން ރޯވެ ހިނގި ހާދިސާގައި ގެއްލިގެން ހޯދަމުންދާ ލ. މާވަށު، އުމުރުން 25 އަހަރުގެ އަލީ މުޝްފިގު މުހައްމަދުގެ ކޮއްކޮ އަދި އެ ހާދިސާގައި ކަނޑުވެފައި ތިއްބާ ސަލާމަތްކުރި އަހުމަދު މިންޝާވީ އޭނާގެ ބައްޕައަށް ގުޅާފައި ބުނި ވާހަކައެކެވެ.
ލ. އަތޮޅާއި ތ. އަތޮޅުގެ ރަށްތަކަށް ދަތުރު ކުރާ މުދާ އުފުލާ ބޯޓުގައި ރޯވީ ރޭގެ ވަގުތެއްގައި ތ. ކަނޑޫދޫން މުދާ ބަރުކޮށްގެން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. ހާދިސާ ހިނގި ވަގުތު އޭގައި ކެޕްޓަނާއެކު 18 މީހުން ތިއްބެވެ.
އޭގެ ތެރޭގައި މުޝްފިގާއި މިންޝާވީންވެސް ހިމެނެ އެވެ. އެ މީހުންނަކީ ރޯދަ މަހުގެ ފަހު ދިހައަކާއި އީދަށް ރަށަށް ދިއުމަށްފަހު މާލެ ދަތުރުކުރަމުންދިޔަ ބައެކެވެ.
ހޮޅުދޫ ބޯޓުގައި ރޯވި އިރު، މުޝްފިގާއި މިންޝާވީން ތިބީ ނިދާފަ އެވެ. ތެދުވީ ބޯޓު ތެރޭގައި އަޑުގަދަވާން ފެށުމުންނެވެ. އޭރު ބޯޓުގައި ހުޅުގަނޑު ރޯވެ އަނދަނީ އެވެ. މިންޝާވީ ގައިގާ ލައިފް ޖެކެޓު އަޅުވައިދީފައި މުޝްފިގު ލައިފް ޖެކްޓު އަޅަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވި އެވެ. މީޑިއާތައް ބުނާ ގޮތުން މުޝްފިގުގެ އަތުގައި އޮތް ލައިފް ޖެކެޓް މޫދަށް ފުންމާލަން ދިޔަ އެހެން މީހަކު ދަމައިގަތީ ކަމަށް އޭނާގެ ކޮއްކޮ ކިޔައިދެ އެވެ.
އަލިފާންގަނޑު ހިފަމުންދާތީ އަތު ގުޅުވާލައިގެން ދެ މީހުން ފުންމާލީ މާކަނޑަށެވެ. ކޮއްކޮގެ ލައިފް ޖެކެޓާއެކު ސަލާމަތްވުމުގެ އުއްމީދުގަ އެވެ. ނަމަވެސް މުޝްފިގަކީ ފަތަން ނޭނގޭ ޒުވާނަކަށްވާތީ، ވަކި ހިސާބަކުން ދޮންބެއާއި މިންޝާވީން ވަކިވި އެވެ. އޭގެ ފަހުން ދޮންބެއެއް ނުފެނެ އެވެ. ކަނޑުވެފައި ތިއްބާ ސަލާމަތް ކުރުމުން މިންޝާވީން އެންމެ ފުރަތަމަ ވެސް ގުޅީ ބައްޕައަށެވެ. ދޮންބެ ގެއްލުނު ވާހަކަ ބުނާށެވެ.
”ދަރިފުޅު ގުޅާފައި ބުނީ ބައްޕާއޭ ދޮންބެގެ އަތުން ދޫވީއޭ، ސަލާމަތްކުރަން ވަރަށް މަސައްކަތް ކުރީމޭ.“ މުޝްފިގުގެ ބައްޕަ މުހައްމަދު ޝަރީފާ ހަވާލާދީ ވަގުތު ނޫހުގައި ބުނެފައިވެ އެވެ.
މުޝްފިގަކީ ތަޖުވީދު ހަމަތަކަށް ރީއްޗަށް ގުރުއާން ކިޔަވާ، އިމާމުކަން ކުރާ އަދި މުޅި މާވަށުގައިވެސް ނަމޫނާއެއްގެ ގޮތުގައި ބަލާ ޒުވާނެކެވެ. އެއީ މީހުން ބުނާ ގޮތުން އެންމެނާވެސް ގުޅޭ ހިތްހެޔޮ މިޒާޖެއްގެ މިތުރެކެވެ. މުޝްފިގު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކަނޑާއި ވަޔާއި ޑައިވްކޮށްގެންވެސް ދަނީ ކުރަމުންނެވެ. ނަމަވެސް އަދި އޭނާ ފެނިފައެއް ނުވެ އެވެ.

140 Comments
ގުޅުންހުރި
ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މޭވާ ގަސް އިންދަނީ، މާމިގިލީގައި އިންދީ
ގާސިމުގެ ހިލޭ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އިމާރާތްކުރަނީ
ފުލުހުންގެ ބަންދުގައި ހުއްޓައި އަމިއްލައަށް މަރުވާން އުޅުނު މީހާ މަރުވެއްޖެ
އެމްޑަބްލިއުއެސްސީގެ އެކުވެރި ރޯދަ :30 އުމްރާ ދަތުރު ލިބޭ ތިން ނަސީބުވެރިން ހޮވައިފި
ގޭސްވުމާއި ހަޖަމުކުރުމުގެ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑރ. ޑިއޭގޯއަށް މިހާރު އޮންލައިންކޮށް
މާލޭގެ ހުރިހާ ގެއަކަށް ދިއުމުގެ ވައުދު ފުއްދިން، އޯގަސްޓުގެ ނިޔަލަށް ހުރިހާ