ގައުމުގެ ކަންކަން ބޮއްސުންލީ މެންބަރުންގެ ސަބަބުން، ކުށްވެރިންނަކީ ވެސް މެންބަރުން: ސަލީމް

ރާއްޖޭގެ ކަންކަން ބޮއްސުންލާފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޒިންމާތައް އަދާނުކުރުމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) އިއްޔެ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ހިޔާނާތް ހިންގާތީ މެންބަރުން ކަންބޮޑުވުންފާޅުކުރާއިރު އެފަދަ ކަންކަން އިސްލާހުކޮށް ރަނގަޅު ކުރުމުގެ ބާރު ރައްޔިތުން ދީފައިވަނީ ވެސް މަޖިލިސް މެންބަރުންނަށް ކަމަށެވެ.

”މިތަނަށް (މެންބަރުން) ފޮނުވާފައި ތިބީ 5،000 މީހުންނަށް ނާދެވޭނެތީ އަޅުގަނޑުމެން މި ކަންކަން އިސްލާހު ކުރަން. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ނެތް މިއިން ސަލާމަތް ވެވޭކަށް. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މި ޒިންމާ ނަގަން ޖެހޭނީ،“ ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ މަޖިލީހަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި ގާނޫނު ބަދަލުކުރުމާއި ރައީސުލްޖުމްހޫރިއްޔާ އާއި ފަނޑިޔާރުން ވަކިކުރުމުގެ އިތުރުން ވެސް އެހެން އެތައް ބާރުތަކެއް ހިމެނޭ ކަމަށެވެ. މަޖިލިސް މެންބަރުން އެއިން އެއްވެސް ބާރެއްގެ ބޭނުން ނުކުރާ ކަމަށް ސަލީމް ވިދާޅުވި އެވެ.

”އެހެންވީމާ ހަގީގަތުގައި ހުރިހާ ކުށްވެރިންނަކީ ރައްޔިތުންގެ މަޖިލިސް މެމްބަރުން. ރައްޔިތުންގެ މަޖިލިސް އަށް ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ގާނޫނު ބުނާ ގޮތަކުންނެއް. އަދި ގާނޫނަށް ބަދަލު ގެނެސްގެން ވެސް ކޮންމެ ގޮތެއް ހަދައިގެން ވެސް މި މަޖިލިހަށް ރައްޔިތުން ފޮނުވާފައި ތިބި މަންދޫބުން މި ގައުމު އިސްލާހު ކުރުމުގެ ބާރު އޮތް ބަޔަކީ ހަމައެކަނި،“ ސަލީމް ވިދާޅުވި އެވެ.

ރާއްޖޭގައި ގޯސްކޮށް ކޮންމެ މީހަކު ކަމެއް ކުރިޔަސް ފިޔަވަޅު އެޅުމުގެ ބާރު ވެސް އޮތީ ރައްޔިތުންގެ މަޖިލިހަށެވެ. އެހެންވެ، މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ގޯސްވުމާއި ހިތްވަރު ނެތުން ކަމަށް ސަލީމް ވިދާޅުވި އެވެ.

”ރައްޔިތުންގެ މަޖިލިހުގެ އެއްވެސް ކަމެއް ނެތިއްޔަކާ މި ގައުމު އިސްލާހު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އެ އިސްލާހު ރައްޔިތުން ދީފައި އޮތީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް.“ ސަލީމް ވިދާޅުވި އެވެ.