މީހެއްގެ ގަޔަށް ކަޅުތެޔޮ ޖެހުމަކީ ކުޑަ ކުށަކަށްވާތީ މަންދީގެ ގަޔަށް ތެޔޮ ޖެހި މީހާ ދޫކޮށްލައިފި

އެމްޑީޕީގެ އަންހެން އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހި ކަމަށް ތުހުމަތުވާ މީހާ ފުލުހުންގެ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

މަންދީ ގަޔަށް ކަޅުތެޔޮ ޖެހީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާއަކަށްފަހު ގެއަށް ދިޔަ މަގުމަތީގަ އެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ/ ސަންލައިޓްވިލާ، އަހުމަދު ރިޝްމާހް (20އ) އެވެ. ފުލުހުން އޭނާއަށް ތިން ތުހުމަތެއްކުރެ އެވެ. އެއީ ޖެހުމުގެ ކުށުގެ ތުހުމަތާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ތުހުމަތާއި އަދި ކުށެއް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ތުހުމަތެވެ.

އޭނާ ފުރަތަމަ ބަންދުކުރީ 15 ދުވަހަށެވެ. އެ މުއްދަތު ހަމަވާތީ އޭނާގެ ބަންދު އިތުރުކުރަން އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަމުރުކުރީ އޭނާ ބަންދުން ދޫކޮށްލުމަށެވެ.

އޭނާ ދޫކޮށްލުމަށް ކޯޓުން އަމުރުކުރީ އޭނާއަށް ތުހުމަތުވަނީ ޖިނާއީ ކުޑަ ކުށަކަށްވެފައި، ބަންދުގައި 15 ދުވަސް ހޭދަކޮށްފައިވާތީ އާއި ތަހުގީގަށް އެއްބާރުލުންދޭތީ ކަމަށެވެ.

ބަންދުން ދޫކޮށްފައި ހުރި ނަމަވެސް ތަހުގީގަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށް އޭނާއަށް ވަނީ ޝަރުތުކޮށްފަ އެވެ. އެ ޝަރުތާ ހިލާފުވާނަމަ އަލުން ހައްޔަރު ކުރުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށް އަމުރުގައި ބުންޏެވެ.