ރާއްޖެއިން ތުރުކީގައި ގާއިމުކުރި އެމްބަސީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ އިއްޔެ އެމްބަސީ ހުޅުވުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށެވެ. އެ ރަސްމިއްޔާތުގައި ހަލީލުގެ އިތުރުން ތުރުކީގެ ކަލްޗާ އެންޑް ޓޫރިޒަމް މިނިސްޓަރު މެހްމަތު ނޫރީ އެރްސޮއި، ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެމްބަސީ ހުޅުވާފައިވަނީ އެ ރަސްމިއްޔާތަށްފަހު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަލީލް ވިދާޅުވީ ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ހުޅުވިގެން ދިއުމަކީ ދެގައުމުގެ ގުޅުން ބަދަހިވަމުންދާކަމުގެ ހެއްކެއް ކަމަށާއި ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ހުރުމުގެ ސަބަބުން ދެގައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
ހަލީލު ވިދާޅުވީ ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލާ ހިދުމަތް ދިނުމަށް އެގައުމުގައި ރާއްޖޭގެ އެމްބަސީއެެއް ހުރުން މުހިންމު ކަމަށެވެ.
އަދި އެކިއެކި ބޭނުންތަކަށް ތުރުކީއަށް ދާ ދިވެހިންނަށް ދިމާވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީ، ލުއިފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ މަސައްކަތް އެމްބަސީއެއް ހުރުމުގެ ސަބަބުން ފުރިހަމަކަމާއެކު ކުރެވޭނެކަމަށް ހަލީލު ވިދާޅުވިއެވެ.



