”ހުރިހާ މީހުންނާ ވެސް ގުޅޭނެ، ކޮންމެ އުމުރެއްގެ މީހަކާވެސް ރަހުމަތްތެރިކަން ކޫބެ ބާއްވާނެ“
މިއީ ފުވައްމުލަކު ރެސްޓޯރެންޓެއްގެ ކަރަންޓު މަސައްކަތްކުރަން ހުއްޓައި ކަރަންޓުގައި ޖެހިގެން މިއަދު ކުއްލި ގޮތަކަށް މަރުވި ރ. އަލިފުއްޓަށް ނިސްބަތްވާ އަބްދުﷲ ރިޝްދާން (ކޫބެ)ގެ ރައްޓެއްސަކު އޭނާ ސިފަކޮށްދިން ގޮތެވެ. ކޫބެއަކީ ފުވައްމުލަކު ދަންނަ މީހެކެވެ. އެންމެނާ އެކުވެރި ޒުވާނެކެވެ.
ފުވައްމުލަކު ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ ކޫބެއަކީ ކަރަންޓު މަސައްކަތައް ފަރިތަ މީހަކަށްވުމުން އޭނާއަކީ އެ މަސައްކަތްކޮށް އުޅޭ މީހެކެވެ. ކުއްލިއަކަށް މިއަދު މަރުވި އިރުވެސް އޭނާ ހުރީ އެފަދަ އެހީތެރިކަމެއް ދިނުމަށެވެ.
އޭނާއަކީ ހިތުގައި ލޯވަޅު އުފެދި، ފަހުން ހިތާއި ފުއްޕާމޭ ބަދަލުކުރަން ޖެހިފައިވާ އައިމިނަތު އިރަމްގެ ފިރިމީހާ އެވެ. އިރަމްއަކީ އޭނާގެ ބަލިހާލަތު ސަބަބުން އެހީ ހޯދުމުގެ މަސައްކަތުގެ ތެރެއިން މުޅިރާއްޖެއަށް ދަންނަ ހިތްވަރުގަދަ މީހެކެވެ.
އިރަމްއާއި ކޫބެ ކައިވެނިކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ކޫބެ ކުއްލި ގޮތަކަށް މިއަދު މަރުވި އިރު، އެ ދެ މީހުންގެ ކައިވެންޏަށް އަދި އަހަރެއް ނުފުރެ އެވެ.
’ހަފްތާ‘ އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ކޫބެ ކަރަންޓުގައި ޖެހުނީ މެންދުރު ނަމާދު ވަގުތުގައެވެ. އޭނާ ކަރަންޓުގައި ޖެހުމުން ކޫބެ ވަގުތުން ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ އެވެ. މަރުވީ ގެންދިޔަ މަގުމަތީގައެވެ.
ކޫބެ މަރުވުމުން، ހެޔޮއެދޭ ގިނަބަޔަކު ދަނީ އިރަމް އަދި ކޫބެގެ އާއިލާއަށް ހިތްވަރުދީ ހެޔޮ ދުއާ ކޮށްދެމުންނެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން މިއަދު ބުނީ ކޫބޭ ހޮސްޕިޓަލަށް ގެންދިޔައީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ތަނެއްގައި މަސައްކަތް ކުރަން ހުއްޓައި ހަބަރު ހުސްވެގެން ވެއްޓިގެންނެވެ. އަދި އޭނާގެ މޫނު މައްޗަށް އަނިޔާވެފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފަ އެވެ. އެކަން އެ އިދާރާއަށް ރިޕޯޓްކުރީ މިއަދު މެންދުރު ކަމަށްވެސް ބުންޏެވެ.

57 Comments
ގުޅުންހުރި