އިމާރާތެއްގެ ނުވަ ވަނަ ބުރިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނާގެ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ކުރާ ތުހުމަތުތައް އޭނާ ދޮގު ކުރައްވައިފި އެވެ.
ހައްވާ ޔުމްނާ، 21އ، ފުރާޅުގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނެވެ. އޭނާއަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި މައްސަލައިގައި ފުލުހުން ބުނެފައިވާ ގޮތުން ޔުމްނާ އާއެކު ބުރާސްފަތި ދުވަހުގެ ރޭ ހަތް މީހަކު ހަރަކާތްތެރިވި އެވެ. އެއީ ޔުމްނާގެ އިތުރުން ދެ އަންހެނަކާއި ފަސް ފިރިހެނެކެވެ. އެ ގްރޫޕު އެ ރޭ ފުރަތަމަ ދިޔައީ ”މާލޭގެ މެދުތެރޭގައި“ ހުރި ގެއަކަށް ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ކޮން ގެއެއް ކަމެއް ނުބުނެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެއީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅޭ މއ. މާންދޫގޭދެކުނުގެ އެވެ.
އެއާއެކު އެ މައްސަލައިގައި އަމީންގެ އާއިލާ ބަޔަކުވެސް ހިމެނޭ ކަމަށާއި އެ މީހުންގެ މައްސަލަ ތަހުގީގު ކުރުމަށް އޭނާ ހުރަސްއަޅަމުންދާ ކަމުގެ ތުހުމަތު އަމާޒުވި އެވެ.
އެ ވާހަކަތައް ދޮގުކޮށް، ސޯޝަލް މީޑިއާގައި އަމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ފަތިހު ވަގުތެއްގައި އޭނާ ދިރިއުޅުއްވާ އިމާރާތުގައި ބަޔަކު އެއްވުމެއް ބޭއްވި ކަމަށެވެ. ނަމަވެސް އެ އިމާރާތަކީ އޭނާގެ އިތުރުން އެއްބަނޑު އެއްބަފާ ތިން މީހުންގެ ނަމުގައި އޮންނަ ތަނެއް ކަމަށް ވިދާޅުވި އެވެ.
އަމީން ވިދާޅުވީ، އެ ހާދިސާ ހިނގީ އޭނާގެ ބާރު ހިނގާ ތަނެއްގައި ނޫން ކަމަށާއި އޭނާ ދިރިއުޅުއްވާ އަމިއްލަ އެޕާޓްމަންޓުން ބޭރުގައި ހިނގާ ކަންކަން އޭނާއަށް ކޮންޓްރޯލެއް ނުކުރެވޭނެ ކަމަށެވެ. އަދި ހާދިސާގެ މައުލޫމާތު އެނގިވަޑައިގަތީ ވެސް އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށްވެސް ވިދާޅުވި އެވެ.
އަމީން އިތުރަށް ވިދާޅުވީ އެ ހަރަކާތުގައި އޭނާއަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވި ކަމަށާއި ހާދިސާއަށް ފަހު އެ މީހުންނާ ސުވާލުކުރަން ވެސް ފުލުހުން ގެންދިޔަ ކަމަށެވެ.
”ގާނޫނު ތަންފީޒުކުރުމާއި ތަހުގީގާ ގުޅޭ އެއްވެސް މެންޑޭޓެއް އަޅުގަނޑުގެ ޒިންމާގެ ތެރޭގައި ނެތް. އެ ހާދިސާގެ ފަހުން މިއަދާ ހަމައަށް ވެސް، އެ ހާދިސާއާ ގުޅޭ ގޮތުން ތަހުގީގީ އިދާރާއެއް ނުވަތަ ސަރުކާރުގެ އެއްވެސް މީހަކަށް ނުވަތަ ތަނަކަށް އެންމެ ފޯނުކޯލެއް ވެސް ކޮށްފައި ނުވާނެ. ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް ހޯދާފައިނުވާނެ. އެއްވެސް ނުފޫޒެއް ވެސް ފޯރުވާފައިނުވާނެ،“ އަމީން ވިދާޅުވި އެވެ.

ގުޅުންހުރި
ޔުމްނާއަށް އިންސާފު ހޯދައިދޭން ގޮވާލައި މުޒާހަރާއަށް، ”ފުލުހުންގެ ޔުނީފޯމަކީ ހުތުރެއް“
ޔުމްނާ ވެއްޓުނު ހާދިސާ: ފުލުހުން ތަހުގީގު ހިންގަނީ ރަނގަޅަށްތޯ ބަލަނީ
ދަނގެތީގެ އާ އިންޖީނުގެ ހަދަން 14.8 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި
2027 ނިމުމުގެ ކުރިން ބޭންކް ރޭޓުގައި ޑޮލަރު ލިބޭނެ: ރައީސް
އިޒްރޭލު ޕާސްޕޯޓް މަނާކުރުމުން ޓޫރިޒަމަށް ލިބުނު ގެއްލުމެއް ނެތް: ތޯރިގް
ބައި ލައްކަ މީހުން މަރުވި ބިންހެލުމަށް ދެ އަހަރު: ތުރުކީއަށް އަނެއްކާވެސް