ރައީސް ޑރ. މުހައްމަދު މުއިއްޒަށް، މެލޭޝިއާ ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދަންނަވައިފި އެވެ.
މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުން މެލޭޝިއާގެ ޕުޓުރާޖާޔާގަ އެވެ.
ރައީސް ޕުޓުރާޖާޔާއަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވަނީ އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. އަދި އެއަށްފަހު މެލޭޝިއާގެ އަސްކަރީން ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފައިވެ އެވެ.
އެ ރަސްމިއްޔާތުގައި، ރައީސް މުއިއްޒަށް މެލޭޝިއާގެ އިއްޒަތްތެރިން މަރުޙަބާ ވިދާޅުވެ ތައާރަފުވެވަޑައިގަތުމަށްފަހު، ދިވެހި ވަފުދުގެ ބޭފުޅުން ބޮޑުވަޒީރު އަންވަރް އިބްރާހީމަށް ތައާރަފުކޮށްދެއްވި އެވެ.
އަދި ދެ ގައުމުގެ ލީޑަރުން އެކުގައި މެލޭޝިއާގެ، ޕުޓުރާ މިސްކިތުގެ ކުރިމަތީގައި ހަނދާނީ ފޮޓޯފުޅެއް ނެންގެވުމަށްފަހު، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސް ސޮއިކުރެއްވި އެވެ.


