މާލޭގެ އިމާރާތެއްގެ މަތިން މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ އާންމުންގެ ސެންޓިމެންޓަށް ބަލައިގެން ފިސާރި އަވަހަށް ތަހުގޫކޮށް ނިންމާލާނެ ކަމަށް ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކޮމިޝަނުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުނައްވަރު ވިދާޅުވީ މި މައްސަަލައަކީ އާންމުންގެ މެދުގައި ކަންބޮޑުވުންހުރި ހައްސާސް މައްސަލައެއް ކަމަށެވެ. އެހެންވެ މައްސަލައިގެ މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ޕޯޓަލެއް ވެސް ތައާރަފުކުރާނެ ކަމަށާއި ކޮމިޝަނުން ކޮންމެ ދުވަހަކު ކުރަމުންދާ މަސައްކަތުގެ މައުލޫމާތު އެ ޕޯޓަލުން ފެންނަން ހުންނާނެ ކަމަށެވެ.
މުނައްވަރު ވިދާޅުވީ ކޮމިޝަނަށް އިތުބާރު ނެތްކަމަށް އާންމުން ގަބޫލުކުރާކުރުން އޭނާވެސް ގަބޫލުކުރާ ކަމަށެވެ. ކޮމިޝަންތައް އާންމުންގެ އިތުބާރު ނޯންނަނީ މީގެ ކުރިން ރާއްޖޭގައި އުފެއްދި މިފަދަ ކޮމިޝަންތަކަށް ވީނުވީއެއް ނޭނގި ގެއްލުމުގެ އިތުރުން އެ ކޮމިޝަންތަކުން ހާސިލުކުރި ނަތީޖާއެއް ނެތުމުން ކަމަށް މުނައްވަރު ވިދާޅުވި އެވެ.
ނަމަވެސް ޔުމްނުގެ މައްސަލަ ތަހުގީގުކުރުމަށް އުފެއްދި މި ކޮމިޝަން އެގޮތް ނުވާނެ ކަމަށެވެ.
”ވަރަށް ގިނަ ބޭފުޅުން އަޅުގަނޑާ ސުވާލުކުރީ ކީއްވެހޭ ކޮމިޝަންގެ މެންބަރަކަށް ވުމަށް އެއްބަސްވީ. އަޅުގަނޑަކީ ސިޔާސީ ވަރަށް ގިނަ ބޭފުޅުންގެ ގާތް މީހެއް. ރަހުމަތްތެރިކަމުގައި. އެކަމުގެ އަޅުގަނޑަކީ ނުފޫޒު ހިންގަން ފަސޭހަ މީހެއް ނޫން. އެހެންވީމަ މިނިވަންކޮށް ކޮމިޝަނުން ބަލަން ހުރި ކަންކަން މިނިވަންކޮށް ބެލުމަށްޓަކައި އަޅުގަނޑުމައްޗަށް ނުފޫޒު ފޯރުވުމަށް ފަސޭހައެއް ނުވާނެ. ކޮމިޝަންގެ އެހެން މެންބަރުންގެ އިންޓަގްރިޓީއާއި މެދު އަޅުގަނޑު ހިތަކު ސުވާލެއް ނެތް. މި ކޮމިޝަން އަޅުގަނޑުގެ ބެލުމުގެ ދަށުނގައި ވަރަށް މިނިވަންކޮށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް.“ މުނައްވަރު ވިދާޅުވި އެވެ.
މިނިވަންކަމާއެކު ތަހުގީގު ނުގެންދެވޭ ކަމަށްވާނަމަ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒަށް ކަމެއް ނިންމަން ޖެހިއްޖެ ކަމަށްވާނަމަ ނުވަތަ ޕްރެޝަރެއް އަތުވެޖިއްޔާ ވަގުތުން އިސްތިއުފާ ދެއްވާނެ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

ގުޅުންހުރި
ޝަހީމް އަދާލަތު ޕާޓީއަށް ގުޅިވަޑައިގަތުމަށް ނިންމައިފި
ރައުދުގެ ބަންދަށް 10 ދުވަސް ޖަހައިފި
އަޅުގަނޑަށް ނުފޫޒެއް ނުފޯރުވޭނެ، ނުފޫޒު ފޯރުވަން އުޅެފިނަމަ އިސްތިއުފާ ދެއްވާނަން: މުނައްވަރު
ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުން ޅެން ފަރުވާ ދިނުމަށް މަޝްވަރާކޮށްފި
ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދަ ދިނުމާމެދު ދެވަނަ ވިސްނުމަކަށް ދާންޖެހޭ:
ތިން ދުވަސް ތެރޭގައި ދަރިވަރުންނަށް ޖަވާބު އެބަދެން: ހައިދަރު