އޯލެވެލް ފެއިލްވުމުން ފުލުހަށާއި ސިފައިންގެ ވައްދާ މީހުންނަށް 6000 ރުފިޔާގެ އެލަވަންސެއް

އޯލެވެލުން ފެއިލްވުމުން ފުލުހަށާއި ސިފައިންގެއަށް ވައްދާ މީހުންނަށް 6000 ރުފިޔާއަށްވުރެ ދަށްނުވާނެ އެލަވަންސެއް ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަނިކުފާނު ވިދާޅުވީ ގައުމީ ހިދުމަތުގެ ޕްރޮގްރާމު ކުރިއަށް ގެންދާނީ ޒުވާނުންނަށް އެލަވަންސެއް ވެސް ލިބޭނެ ގޮތަށް ކަމަށާއި އެކަމަށް ބޭނުންވާ ގާނޫނު ވަރަށް އަވަހަށް ފާސްކުރާނެ ކަމަށެވގެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދެއްކި ޕްރެޒެންޓޭޝަންގައި ރައީސް މުއިއްޒު ވިދާޅުވީ، މިހާރު އިއުލާނު ކޮށްފައިވާ ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް ހާއްސަ ގާނޫނެއް ވަރަށް އަވަހަށް ފާސްކުރާނެ ކަމަށެވެ.

”ފައިނަލް ކުރުމުގެ މަރުހަލާގައި މިއުޅެނީ. ގާތްގަނޑަކަށް 6،000 ރުފިޔާގެ އެލަވަންސެއް އޮތް ޕްރޮގްރާމެއް ފަށާއިރު ދޭން މި މަސައްކަތް ކުރަނީ،“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ޕްރޮގްރާމަކީ އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ އޯލެވެލް ނިންމައި ވަޒީފާ ނުލިބި ތިބި ކޮންމެ ޒުވާނަކަށް ވެސް ވަރަށް މުހިންމު ފުރުސަތަކަށް ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެ ޕްރޮގްރާމްގެ ތެރެއިން މިލިޓަރީ ތަމްރީނާއި އަހުލާގާއި އެކި ކަހަލަ ކަންކަން ދަސްކޮށްދީ، މުޖުތަމައަށް ނިކުންނަށް ތައްޔާރު ކުރާނެ ކަމަށާއި ޕްރޮގްރާމް ނިންމުމަށް ފަހު، ބޭނުން ނަމަ ސިފައިންގެއަށް ވަދެ ނުވަތަ އަމިއްލަ މަސައްކަތަށް ތައްޔާރުކޮށް ދޭނެ ކަމަށެވެ.

މަސައްކަތްތެރިން އިތުރު ކުރުމަށާއި ޒުވާނުން ބާރުވެރިކުރުވުމަށް މިއީ ރަނުގެ ފުރުސަތެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.