މާލެ ހުޅުމާލެ ހައިވޭ ދިމާލުގެ ބޭރުން ބައެއް ހިއްކައިގެން ރޭސިން ޓްރެކެއް ހަދަނީ

މާލެ ހުޅުމާލެ ހައިވޭ ދިމާލުގެ މޫދު ބައެއް ހިއްކައިގެން ރޭސިން ޓްރެކެއް ހަދަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މާލޭ ސަރަޙައްދުގައި ރޭސިންގ ޓްރެކު ހެދުމަށް ބްރިޖު ހައިވޭ ބޭރުން ބިމެއް ހިއްކުމަށް ހަމަޖެހިފައިވާކަމަށާއި، ޓްރެކް ތަރައްގީކުރަން އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރޭސިން ޓްރެކް އަޅާނީ އެމްއޭސީއެލުން އިންވެސްޓުކޮށްގެން ކަމަށެވެ.

”މި ޓްރެކް ހަދަނީ، ބްރިޖުން ފެށިގެން ހުޅުމާލެއަށްދާން މިއޮންނަ ހައިވޭގައި ހުންނާނެ ސޯލަރ ޕެނަލްތަކެއް. އެ ޕެނަލްތަކުގެ ބޭރުން ބައެއް ހިއްކައިގެން،،،،،“ ރައީސް ވިދާޅުވި އެވެ.

އެ ތަނުގައި ރޭސިން ޓްރެކެއް އަޅަނީ މީހުން އުޅޭ ސަރަހައްދުގައި ރޭސިން ޓްރެކެއް އެޅުމަކީ އެންމެ ރައްކާތެރިގޮތް ކަމަށް ނުވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އަދި ރޭސިން ޓްރެކެއް އެޅޭނީ ޓްރެކެއް އެޅުމަށް ބޭނުންވާ ދިގުމިން ހުންނަ ތަނެއްގައިކަމަށްވުމާއެކު، ހައިވޭގެ ބޭރު ސަރަހައްދަކީ އެ ޓްރެކް އެޅުމަށް ހިއްކައިގެން ބިން ލިބޭނެ ސަރަހައްދެއްކަމަށް ރައީސް ވިދާޅުވި އެވެ.