ޔާމީނަށް އިހުލާސްތެރީ އަޅުގަނޑު، ޝަރީއަތަށް ނުފޫޒެއް ނުފޯރުވަން: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިހުލާސްތެރިވި ކަމަށާއި އެ މަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެގޮތަށް ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފުއްގިރި މައްސަލައިގައި ޔާމީނަށް ކުރާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުމެއް ކޯޓުގައި ތަވާލުކޮށްފައިވާކަން އެނގިވަޑައިގެންނެވީ ނޫސްތަކުން ކަމަށެވެ.

”އަޅުގަނޑު ނުފޫޒެއް ނުފޯރުވަން ރައީސް ޔާމީންގެ ކޭސް އަކަށް. އަދި އެހެން އެއްވެސް މީހެއްގެ ކޭސް އަކަށް ވެސް. އަޅުގަނޑު ކުރާނެ ކަމެއް ނޫން އެއީކީ. އަޅުގަނޑު ވަރަށް ރެސްޕެކްޓް ކުރާ ބޭފުޅެއް ރައީސް ޔާމީނަކީ،“ ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ޔާމީންގެ ޝަރީއަތަށް ވެސް އަދި ގުޅުން ހުރި ހެއްކަކަށް ވެސް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި، މިއަދު އެމަނިކުފާނު ގޭގައި ހުންނެވީ ރައީސް ކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން ކުރެވުނު މަސައްކަތުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

”އެމަނިކުފާނު މިނިވަން ވެފައި އެހެރީ އަޅުގަނޑު ސިޔާސީ ނުފޫޒު ނުފޯރުވާތީ. އެއީ ސިޔާސީ ދައުވާއެއް ކޮށްގެން ޖަލަށް ލާފައި ހުރީމާ، ސިޔާސީ ނުފޫޒު ނުފޯރުވާތީ ހުކުމަކުން މިނިވަން ވެފައި އެހުރީ،“ ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ޔޫތް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް ޔާމީންގެ ދިފާއުގައި ހެކިބަސް ދިނުމަށް ދެކޮޅު ހެދިކަން އެނގުނީ އެ މަގާމަށް އައްޔަންކުރެއްވި ފަހުން ކަމަށެވެ.