ޓްރެއިނިން ހަދަމުން ދަނިކޮށް ހާލު ސީރިއަސްވި ޕޮލިސް މީހާ މަރުވެއްޖެ

ޓްރެއިނިން ހަދަމުން ދަނިކޮށް ހާލު ސީރިއަސްވި ޕޮލިސް މީހާ މަރުވެއްޖެ އެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މަރުވެފައި ވަނީ 34 އަހަރުގެ ޕޮލިސް ކޮންސްޓަބްލް ޙުސައިން ގާއިސް ކަމަށެވެ.

ވާނީގައި ހުންނަ ޓްރެއިނިން ސެންޓަރުގައި ތަމްރީން ހަދަމުންދިޔަ ރެކްރޫޓެއްގެ ހާލު ދެރަވެގެން އާދިއްތަ ދުވަހުގެ ރޭ ފަތިހު، ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އެވެ.

އަދި އިތުރު ފަރުވާ ދިނުމަށް އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އައިޖީއެމްއެޗަށް ވަނީ ގެންގޮސްފަ އެވެ.

އައިޖީއެމްއެޗުން މިއަދުބުނީ އެ މީހާގެ ހާލު ސީރިއަސްވުމުގެ ސަބަބުން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ.

ޕޮލިސް ޓްރެއިނިން ހަދަމުންދިޔަ އެ މީހާގެ ހާލު ސީރިއަސްވި ސަބަބެއް އައިޖީއެމްއެޗުން ވެސް އަދި ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ.