ސަރުކާރުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން 2028 އިން ފެށިގެން ގެއިން މަސައްކަތް ކުރާ ގޮތަށް ބަދަލުކުރުމަކީ އުންމީދެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް 2.0 ސަމިޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ މިރޭ ސަރުކާރުން ފެށި ޑިޖިޓަލައިޒޭޝަން މަސައްކަތް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭ ނިންމައިލުމުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ސަރުކާރުގެ މުވައްޒަފުންނަށް ކަމަށެވެ.
”އަޅުގަނޑުގެ އުންމީދަކީ 2028 ވަނަ އަހަރު ފެށޭއިރު ހިސާބުން މުޅި ދައުލަތުގައި މިހާރު ހިދުމަތުގައި މަސައްކަތް ކުރަމުންދާ ގާތްގަނޑަކަށް 49،000 މުވައްޒަފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މުވައްޒަފުން ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ގޭގައި ތިބެގެން ހަމަ ގާނޫނީ އުސޫލުގެ ތެރެއިން ކަނޑައެޅިފައި އޮންނަ މިންގަނޑުތަކެއްގެ ތެރެއިން މަސައްކަތް ކުރާ ގޮތަށް ބަދަލުކުރުން،“ ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ގެއިން މަސައްކަތްކުރާ ގޮތަށް ކަނޑައަޅާ މުވައްޒަފުންގެ ތެރޭގައި ހަފްތާއަކު 30 ގަޑިއިރު ނުވަތަ ކަނޑައެޅޭ ވަކި ވަގުތެއްގައި އޮފީހަށް އަންނަން ޖެހޭ މުވައްޒަފުން ވެސް ތިބޭނެ ކަމަށެވެ.
”ހަފްތާއަކު 30 ގަޑިއިރު ނޫނީ ކަނޑައެޅޭ ވަކި ވަގުތެއްގައި ވަގުތު ހަމަކުރަން އޮފީހަށް އައުން އޭގެ ތެރޭގައި ހިމެނޭ ގޮތަށް، ގޭގައި ތިބެގެން ކޮންމެހެން ހިދުމަތަށް އޮފީހަށް އަންނަން ޖެހޭ ތިބޭނެ. މިސާލަކަށް ސިއްހީ ހިދުމަތްތެރިން. މިހެން ގޮސް ވަކި ފަރާތްތަކެއް ތިބޭނެ،“ ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން ގެއިން މަސައްކަތް ކުރާ ގޮތަށް ބަދަލުކުރުމުން ސަރުކާރުގެ ހިންގުން ހަރުދަނާވެ، ހަރަދު ވެސް ކުޑަ ވެގެންދާނެކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

2 Comments
ގުޅުންހުރި
ކައުންސިލްތަކުގެ ބާރު ހަނިކުރުމަށް ގާސިމް ތާއިދު ކުރައްވައިފި
ކައުންސިލްތަކަށް ލިބޭ އާމްދަނީން ޓެކްސް ދައްކަން ޖެހޭނެ: ރައީސް
ހަމަހަމަ ހިދުމަތުގެ ޔަގީންކަމާ އެކު ރައީސްގެ ބ. އަތޮޅު ދަތުރު ނިންމަވާލައްވައިފި
މާމަޑުއްވަރީ އެއްބަސްވުން އުވާލުމަށްފަހު ހިތާދޫއާ އެރަށް ހަވާލުކުރާނަން: ރައީސް
ރައީސްއާ ބައްދަލުކުރެއްވީ ފޭކު ޕްރިންސެއް ނޫން: ހަލީލް
އީޕީއޭ ނަން ބަދަލުކޮށް މިނިސްޓްރީގެ ސެކްޝަނަކަށް ބަދަލުކޮށްފި