ޖޫން 17, 2025

ޔުމްނުގެ ވެއްޓުނު މައްސަލަ ތަހުގީގު ނިމެންދެން ކޮމިޝަން ދެމި އޮންނާނެ

މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ އިން އެ ގެއާ ޖެހިގެން ހުރި ހ. މީޓާޒް ގޭގައި ހަދާފައިވާ ގުދަނުގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު މައްސަލައިގެ ތަހުގީގަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަން، އެ މައްސަލައިގެ ތަހުގީގު ނިމެންދެން ދެމިއޮންނަ ގޮތަށް ގަވާއިދުހަދައި ގެޒެޓުކޮށްފިއެވެ.

ރައީސް އޮފީހުން އިއްޔެ ގެޒެޓުކުރި އެ ގަވާއިދުގައިވާ ގޮތުން ރިޔާސީ ކޮމިޝަނުގެ ނަމަކީ “ 2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަހުގީގުކުރާ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަން“ އެވެ.

އެ ކޮމިޝަންގެ ގަވާއިދުގައިވާ ގޮތުން ކޮމިޝަންގެ މަސްއޫލިއްޔަތަކީ  2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައިއޮއްވައި ފެނުނު މައްސަލަ ބަލައ،ި އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރުހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައ،ި އެ ހާދިސާއާ ގުޅިގެން ކަމާބެހޭމުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބަލައި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ތަހުގީގުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމެވެ،

ގަވާއިދުގައިވާ ގޮތުން ކޮމިޝަނުގެ މަސައްކަތް ނިމޭނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރުންކޮ ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތް ނިމުމުންނެވެ.

ގަވާއިދު ކޮމިޝަށް ލިބިދީފައިވާ ބާރުތައް:

  • ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިޔަށްގެންދާ ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން
  • ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ހަބީރުންގެ އެހީތެރިކަން ހޯދުން
  • ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ޖިނާއީއިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރުބޭނުންކުރުން
  • ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުތަކުގައި އެދުން
  • ހާާޒިރު ކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސްހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން
  • ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައިވާ ނަަމަ، އެ ތަހުގީގަކުން ނުވަތަ އެނޫން ވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ގާރީނާތަކާއި އެނޫން ވެސް މައުލޫމާތު ހޯދުން

ރިޔާސީ ކޮމިޝަނުން ވަނީ މި މައްސަލައިގެ ތަހުގީގަށް ޔުމްނު ވެއްޓުނުއިރު އޭނާއެކު އުޅުނު ރައުދު އަހުމަދު ޒިލާލްއާ ބައްދަލުކޮށް މައްސަލައާ ގުޅޭގޮތުން ސުވާލުކޮފައެވެ. އަދި ވަނީ ހާދިސާއާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކޮށްފައެވެ. އަދި ވަނީ މައްސަލައިގެ މައުލޫމާތު ހިއްސާކުރަން ހާއްސަ ޕޯޓަލެއް ތައާރަފުކޮށްފަ އެވެ.