މިދިޔަ މަހުގެ 18 ވަނަ ދުވަހު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ މަތިން ވެއްޓުނު މައްސަލައިގައި ތުހުމަތުތަކެއްކޮށް، މަގާމުން ވަކިކުރަން ހުށަހެޅި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް އިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން އާންމުންގެ ގިނަބައެއްގެ ތުހުމަތު އަމީނަށް އަމާޒުވާތީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ ޕީޖީ ގްރޫޕުންނެވެ. އެމްޑީޕީން ހުށަހެޅި އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އޭނާއަށް ހަތް ތުހުމަތެއް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ޔުމްނު ވެއްޓުނު ހާދިސާގައި އަމީންއާ އާއިލީ ގޮތުން ގުޅުން އޮތް ބަޔަކު ހިމެނޭކަން
- އަމީން ދިރިއުޅުއްވާ މާންދޫގޭދެކުނުގެ މަސްތުވާތަކެތި ބޭނުންކޮށް ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާފައިވުން
- ޔުމްނު ވެއްޓުނު ހާދިސާގައި ބައިވެރިވާ އާއިލީ ބޭފުޅުން ހިމާޔަތް ކުރުމަށް ތަހުގީގަށް ނުފޫޒު ފޯރުވުން
އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވެވަޑައިގަންނަވަމުން އަމީން ވިދާޅުވީ ޔުމްނުގެ މައްސަލައިގައި އޭނާއަށް ބޮޑުބޭބެ ކިޔާ ދެ މީހެއްގެ ގުޅުމެއް އޮތް ކަމަށް ބުނެފައި ނުވާނެ ކަމަށެވެ.
އަދި އޭނާ ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގެއަކީ އޭނާއާ އެއްބަނޑު އެއްބަފާ ތިން މީހުންގެ ނަމުގައި އޮންނަ ތަނެއް ކަމަށާއި އެތަނުގައި ގާނޫނާ ހިލާފު އަމަލެއް ކުރި ނަމަވެސް އެކަމުގެ ޒިންމާ ސީދާ އޭނާ ނަންގަވަންޖެހޭ ގާނޫނީ ނުވަތަ ބުއްދީގެ ހުއްޖަތެއް ނެތް ކަމަށެވެ.
”އެހެން ކަމަށްވާނަމަ އެއްމަދު އިމާރާތެއްގައި ނުވަތަ ކޮންޑޮމޭނިއަމެއްގައި އެތައް ބަޔަކު އެޕާޓްމަންޓުތަކެއްގައި އުޅޭއިރު އެތަނުގައި ޖިނާއީ ކުށެއް ކޮށްފި ނަމަ އޭގެ ޒިންމާ ވަކި އޯނަރެއް، އޭނާ ވަކި މަގާމެއްގައި އަދާކުރާތީ ނަގަންޖެހޭ ގާނޫނީ ނުވަތަ ބުއްދީގެ ހުއްޖަތެއް ނެތް،“ އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދިރިއުޅުއްވާ ގޭގައި ގާނޫނާ ހިލާފު އަމަލެއް ހިންގައިފި ނަމަ އެކަން ބަލަންވާނެ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކަމެއް އޭނާ ދިރިއުޅުއްވާ ގޭގައި ހިންގާފައިވާ ކަމަކަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ނިންމަވާފައެއް ނުވާ ކަމަށެވެ.
އަމީން މިހެން ވިދާޅުވި ނަމަވެސް، އޭނާ ދިރިއުޅުއްވާ ގެއަށް ހެކި ހޯދަން ފުލުހުން ދިޔައީ ޔުމްނު ވެއްޓުނު ކަމަށް ބުނާ ދުވަހުގެ ހަތް ދުވަސް ފަހުންނެވެ. ފުލުހުން އެއަށްފަހު ބުނީ، ބަލައި ފާސްކުރި ގެތަކުން އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށެވެ.
އަމީންގެ އިތުބާރު އޮތްތޯ ބެލުމަށް މިއަދު ނެގި ވޯޓުގައި އޭނާއަށް އިތުބާރު އޮތް ކަމަށް ވޯޓު ދިނީ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނާއި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާހެވެ. އެއީ 54 ވޯޓެވެ. އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރުންނެވެ.

4 Comments
ގުޅުންހުރި
ރަސޫލާގެ ސުންނަތާ ދެކޮޅު ހަދާ މީހުންނާމެދު ސަމާލުވާންޖެހޭ: ހުތުބާ
ރައީސުލްޖުމްހޫރިއްޔާ، މަގާމުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް ހަދަނީ
ދިރިއުޅޭ ގޭގެ ޖިނާއީ ކުށެއް ކުރި ނަމަވެސް އެ ހުރިހާ ކަމަކަށް
ޔުމްނު ”ވެއްޓުނު“ ހާދިސާގައި ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވި ކަމަކަށް
ރައުދުގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފި
ޔުމްނުގެ ވެއްޓުނު މައްސަލަ ތަހުގީގު ނިމެންދެން ކޮމިޝަން ދެމި އޮންނާނެ