އިދިކޮޅު ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން ބައިނަލްއަގުވާމީ މުޖުތަމައުއާ ވާހަކަ ދައްކާއިރު ކަން ހިނގި ގޮތަށް ތެދު ބަހުން ވާހަކަ ދައްކާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހިނދެއްގައި މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލަ ބަލަން ފެށުމުން ސަރުކާރުގެ މެޖޯރިޓީ އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ސުލޫކީ މައްސަލަތަކެއް ބަލައި، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރީ މިދިޔަ ބުދަ ދުވަހު އެވެ.
ނަމަވެސް ދެ ފަނޑިޔާރުންވެސް މަގާމުން ވަކިކުރީ ޖަވާބު ދާރީވުމުގެ ފުރުސަތުވެސް ނުދީ އެވެ. އަދި އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެދުނު ނަމަވެސް ޖޭއެސްސީ އަދި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންވެސް އެ މައްސަލަ ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.
ދެ ފަނޑިޔާރުން ވަކިކުރި ގޮތް ކުށްވެރިކޮށް އިދިކޮޅު އެމްޑީޕީން ދަނީ އެ ވާހަކަތައް ބައިނަލްއަގުވާމީ މުޖުތަމައުތަކާ ހިއްސާ ކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މި ވަގުތު ހުންނެވީ ޔޫރަޕުގަ އެވެ. އޭނާ ވަނީ މިއަދު ޔޫރަޕިއަން ޔޫނިއަންއާ ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ މައުލޫމާތު ފޯރުކޮށްދީފަ އެވެ.
އެކަންކަމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުޑިޝަރީއަށް ނުފޫޒެއް ނުފޯރުއްވާނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ތަހުގީގެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް ވިދާޅުވި އެވެ.
ހަލީލު އިތުރަށް ވިދާޅުވީ، ޖުޑީޝަރީގެ މިނިވަންކަން ދެމެހެއްޓުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

4 Comments
ގުޅުންހުރި
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި
1434 ދަރިވަރަކު ދަނީ ގުރުއާން ހިތުދަސްކުރަމުން، ގިނައީ އަންހެން ކުދިން