ކަސްޓަމްސްގެ ވެއާހައުސްއަކުން ސިނގިރޭޓް ގެއްލުނު މައްސަލައިގައި ހައްޔަރުކުރި ބަންގުލަދޭޝަން ތިން މީހުން ދޫކޮށްލައިފި އެވެ.
ފުލުހުން މިމަހުގެ ހަވަނަ ދުވަހު ބުނެފައިވަނީ ގިނަ އަަދަދެއްގެ ސިނގިރޭޓް ކާޓަންތަކެއް ހުރި ކަޅު ތިން ކޮތަޅު މަގުމައްޗަށް ދޫކޮށްލައި ބޮޑުރަސްގެފާނު މަގުން ފުލުހުންނަށް ފިލި ޕިކަޕެއްގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ. އެ ކޮތަޅުތަކުގައި 221 އަށް ވުރެ ގިނަ ސިނގިރޭޓް ކާޓަން ހުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާއިމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދުގެ މުއްދަތު ޖަހައިފަ އެވެ. އެފަހުން މިދިޔަ ހުކުރު ދުވަހު އެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އަމުރުކުރީ އެ މީހުން ބަންދުން ދޫކޮށްލުމަށެވެ. ނަމަވެސް ކޯޓުން ވަނީ އެ ތިން މީހުންގެ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ.
އެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން އެ މީހުން ބަންދުން ދޫކޮށްލީ ކަސްޓަމްސްގެ ވެއާހައުސްއެއްގެ ހުރި ސިނގިރޭޓްތަކެއް އެ މީހުން ގެންގުޅުނު ނަމަވެސް އެ ސިނގިރޭޓުތައް ގެއްލިގެން އެއްވެސް ބަޔަކު ރިޕޯޓު ކޮށްފައިނުވާތީ ކަމަށެވެ.



