ދުންފަތާ ދެކޮޅަށް ރައީސް ކުރައްވާ މަސައްކަތަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލްގެ ހާއްސަ އެވޯޑް

ދުންފަތާ ދެކޮޅަށް ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލްގެ ހާއްސަ އެވޯޑް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންފި އެވެ.

ރައީސް މުއިއްޒު ވަނީ ދުންފަތާ ދެކޮޅަށް ހަރުކަށި ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ރާއްޖޭގައި ވޭޕް ބުއިމާއި ވިއްކުން އެއްކޮށް މަނާކޮށް، ސިނގިރޭޓްގެ ޑިއުޓީ ބޮޑުކޮށްފައިވާއިރު 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެކަމަށް ދުންފަތުގެ ގާނޫނު ވެސް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި ރައީސަށް މި އެވޯޑް އެރުވީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށާއި އެ ސިޔާސަތުތަކުގެ ސަބަބުން މީހުން ދުންފަތުން ސަލާމަތްކުރެވި، ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރެވޭނެތީ، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލްގެ ހާއްސަ އެވޯޑް މި އަހަރު ދެން ލިބުނީ މޮރިޝަސްގެ ހެލްތް އެންޑް ވެލްނެސް މިނިސްޓްރީއަށެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށް ވަކިވަކި ފަރުދުންނާއި ޖަމިއްޔާތަކަށް ޑަބްލިޔުއެޗްއޯ އިން ކޮންމެ އަހަރަކުވެސް އެވޯޑް ދެ އެވެ. އޭގެ ތެރޭގައި ޑަބްލިއުއެޗުއޯގެ ޑިރެކްޓަރު ޖެނެރަލް ރިކޮގްނިޝަން އެވޯޑް އަދި ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑްތައް ހިމެނެ އެވެ.

2 Comments

  • Ibrahim Solihu މެއި 19, 2025

    Muizzu Mee mi gaumu ge Rayyathun Nan jehifa huri museebaa then mi buranchaa vee avahakan verikamun baalaafa giyan fonuvan vee

  • Aslam Nazim މެއި 19, 2025

    Thiawardjahaabeykabadah.

Leave a Reply to Aslam Nazim Cancel reply