ޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލެއްގެ އިމާރާތް ހަދަން ލެޓާ އޮފް އެކްސްޗޭންޖުގައި މިއަދު ސޮއިކޮށްފި އެވެ.
ލެޓާ އޮފް އެކްސްޗޭންޖުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޒިއަންހުއާ އެވެ.
މިއީ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ދުވަސްވީ އަދި ޖާގައިގެ ދަތިކަން ހުރި ކައުންސިލް އިމާރާތްތަކުގެ މައްސަލަ ހައްލުކުރުމަށް ކައުންސިލް އިދާރާތަކުގެ އާ އޮފީސްތައް ޒަމާނީ ފެންވަރަށް އިމާރާތްކުރުމަށް ހިންގާ މަޝްރޫއެކެވެ.
ލެޓާ އޮފް އެކްސްޗޭންޖުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރި ނަމަވެސް މަޝްރޫއު ކުރިއަށް ގެންދާނީ ސިޓީސް އެންޑް ލޯކަލް ގަވަރުމަންޓް މިނިސްޓްރީންނެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން މަޝްރޫއުގައި ބައިވެރިވާނީ ފަންނީ މަސައްކަތްތަކުގަ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ އެ މަޝްރޫއުގައި ދެ ގޮތަކަށް އިމާރާތް ކުރާނެ ކަމަށެވެ. އެގޮތުން ބާވަތް 1 ގެ ދަށުން އިމާރާތް ކުރަނީ 30 ކައުންސިލެއްގެ އިމާރާތް ކަމަށާއި ބާވަތް 2 ގައި ހިމެނެނީ 20 އިމާރާތް ކަމަށެވެ. އެ އިމާރާތްތަކަކީ ޕްރީ ފެކްރިކޭޓެޑް އިމާރާތްތަކެކެވެ.
ކައުންސިލް އިމާރާތް ހަދަން ލެޓާ އޮފް އެކްސްޗޭންޖުގައި މިއަދު ސޮއިކުރި އިރު، ލޯކަލް ގަވަރުމަންޓް މިނިސްޓްރީން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ ކައުންސިލް އިމާރާތް ހަދާ 50 ރަށް ކަނޑައަޅައި އިއުލާންކޮށްފަ އެވެ.
ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފު އޭރު ވިދާޅުވީ އެ 50 ކައުންސިލް އިމާރާތްތަކުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ފަށައި، އެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށެވެ. ނަމަވެސް އެއްވެސް އިމާރާތެއްގެ މަސައްކަތް ފަށައި ނިންމިފައެއް ނުވެ އެވެ.




ގުޅުންހުރި
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް މިރޭ 11:45 އިން ފެށިގެން އެއް ލޭނު
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
ވައިގެމަގުން އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި
5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން