މެއި 24, 2025

ޣައްޒާގެ ކޮންމެ ކުއްޖަކީ ދުޝްމަނެއް، ހުރިހާ ކުޑަކުދިން މަރާނަން: އިޒްރޭލުގެ ލީޑަރެއް

މުޅި ޣައްޒާ އިޒްރޭލުގެ ކޮންޓްރޯލްގެ ދަށަށް ގެންދާނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނިކޮށް ޣައްޒާގެ ހުރިހާ ކުޑަކުދިން މަރާނެ ކަމަށް އެ ގައުމުގެ ސިޔާސީ ލީޑަރަކު ބުނެފި އެވެ.

އިޒްރޭލުގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ލިބަޓޭރިއަން ޒަޔަނިސްޓް ޕާޓީ، ޒެހުތްގެ ލީޑަރު އަދި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ މޯޝީ ފެގްލިން ބުނީ ޣައްޒާގެ ކޮންމެ ކުއްޖަކީ ދުޝްމަނެއް ކަމަށެވެ.

”ހަމާސްއެއް ނޫން އަހަރެމެންގެ ދުޝްމަނަކީ. އަދި އެއީ ހަމާސްގެ އަސްކަރީ ފިޔައެއްވެސް ނޫން. ޣައްޒާގެ ކޮންމެ ކުއްޖަކީ އަހަރެމެންގެ ދުޝްމަނެއް. އަހަރެމެން އެބަ ޖެހޭ ޣައްޒާ ހިފުމަށްފަހު މިކަމަށް ނިމުމެއް ގެންނަން. އެކަން ކުރާއިރު ޣައްޒާގެ އެންމެ ކުއްޖަކުވެސް ދިރި ނުހުންނާނެ. އެ ނޫން ކާމިޔާބެއް ނެތް،“ އޭނާ ބުނެފައިވެ އެވެ.

ފެގްލިން މިހެން ބުނެފައިވާއިރު އިޒްރޭލުގެ އަސްކަރިއްޔާ އިން ރިޓަޔާ ކޮށްފައިވާ ޑެޕިއުޓީ ޗީފް ސްޓާފް ޔައިރް ގޮލަން ވަނީ ޣައްޒާގެ ކުޑަކުދިން މެރުމަކީ އިޒްރޭލުގެ ހޮބީއެއް ކަމަށް ބުނެފަ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ކުރީކޮޅުން ފެށިގެން އިޒްރޭލުން ހުއްޓުމެއް ނެތި ޣައްޒާއަށް ހަމަލާ ދެމުންދާއިރު ޣައްޒާ އިޒްރޭލުގެ ކޮންޓްރޯލްގެ ދަށަށް ގެންނާނެ ކަން އިއުލާން ކުރީ މި ހަފުތާގެ ކުރީކޮޅެވެ. އެ ނިންމުމަށް އިނގިރޭސި ވިލާތާއި، ފްރާންސް، ސްޕެއިން، ކެނެޑާ އަދި ގަތަރުން ވަނީ ފާޑުކިޔައިފަ އެވެ.

ފަލަސްތީންގެ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އޭޕްރިލް މަހު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން 2023 އޮކްޓޯބަރުން ފެށިގެން މިހާތަނަށް އިޒްރޭލުން ވަނީ 17،000 ކުޑަކުދިން ޝަހީދު ކޮށްލައިފަ އެވެ.