ޖުލައި 13, 2025

އިންޑިއާ މީހެއްގެ އަތުން ފުލުހުން ހިފެހެއްޓި އެއް މިލިއަން ރުފިޔާގެ ބޭރު ފައިސާ އަނބުރާ ހަވާލުކުރަން ހުކުމްކޮށްފި

ރާއްޖެ އިން ބޭރަށް ފުރަންދިޔަ އިންޑިއާގެ ރައްޔިތެއްގެ އަތުން ފެނުނު މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ބޭރު ފައިސާ އަނބުރާ އެ މީހާއާ ހަވާލުކުރުން ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ފައިސާތައް ފެނިފައިވަނީ 15 ސެޕްޓެމްބަރު 2019 ވަނަ އަހަރު މުރުގޭޝް ކަރުނަ ނިދީ، އިންޑިއާއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓައި އޭނާގެ ލަގޭޖުގެ ތެރެއިންނެވެ. އެ ލަގެޖު ތެރެއިން 60،037.00 (925،770.54) ޑޮލަރު އަދި 5،415 (95،456.16 ރުފިޔާ) ފެނުނެވެ. ނަމަވެސް އެ ފައިސާއަކީ މަނީ ލޯންޑަރިންގެ ފައިސާ ކަމަށް ތުހުމަތުކޮށް، ކަސްޓަމުން ވަނީ އެ ފައިސާ ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފަ އެވެ.

އެ މައްސަލައިގެ ތަހުގީގު ހިންގުމަށްފަހު ފުލުހުން ވަނީ މުރުގޭޝްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް 20 ސެޕްޓެމްބަރު 2021 ވަނަ ދުވަހު ފޮނުވައިފަ އެވެ. ނަމަވެސް ޕީޖީ އޮފީހުން އެ މައްސަލަ ބަލައިގެންފައެއް ނުވެ އެވެ. އެހެންވެ މައްސަލަ ފައިލް ކުރިކަން މުރުގޭޝްއަށް ފުލުހުން އެންގި އެވެ. ނަމަވެސް އޭނާގެ ފައިސާ ފުލުހުން ހަވާލެއް ނުކުރި އެވެ.

ފުލުހުން އެ ފައިސާ ހަވާލުކުރުމަށް ދެކޮޅު ހެދުމުން މުރުގޭޝް ވަނީ އެ ފައިސާ ހޯދުމަށް އެދި ފުލުހުންގެ މައްޗަށް 24 އޮކްޓޫބަރު 2021 ވަަނަ ދުވަހު ދައުވާކޮށްފަ އެވެ.

ސިވިލް ކޯޓުން އިއްޔެ ވަނީ އެ މައްސަލައިގެ ހުކުމްކޮށްފަ އެވެ. މި މައްސަލަ ބެއްލެވި ގާޒީ އަލީ އަބްދުﷲ މައްސަަލައިގެ ހުކުމުގެ ރައުޔުގައި ވިދާޅުވީ މުރުގޭޝްގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަކީ ކޮންގޮތަކަށް ކިހިނެއް އަދި ކޮން މުއާމަލާތްތަކަކާއި ގުޅިގެން ހޯދާފައިވާ ފައިސާތަކެއްކަމާއި، އެ ފައިސާތަކާއި ހަވާލުވެހުރީ ކާކު ކަމާއި، މި މައްސަލައިގައި ދައުވާކުރާ ފަރާތުން އެ ފައިސާތަކާ ހަވާލުވެހުރީ ކޮން ހައިސިއްޔަތަކުންކަން އޭނާ ސާފުކޮށްދީފައިވާކަން ފުލުހުންގެ މި މައްސަލަ ތަހުގީގު ކޮށްފައިވާ ބަޔާންތަކުން ސާފުކޮށް އެނގޭ ކަމަށެވެ.

ގާޒީ ވިދާޅުވީ މުރުގޭޝްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ބިނާކޮށްފައިވާ އަސާސަކީ، އޭނާގެ އަތުން ފެނުނު ފައިސާކަމާއި، އޭނާގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރުގެ ހެކި ނެތިގެން ދައުވާ ނުކުރުމަށް ނިންމާފައިވާ ނިންމުން ބިނާކޮށްފައިވަނީ، އޭނާގެ އަތުން އެ ފެނުނު ފައިސާއަކީ، ކިހިނެއް، ކޮން ގޮތަކުން ލިބުނު ކާކުގެ ފައިސާއެއްކަމާއި، އަދި އެ ފައިސާތަކުގެ މައްޗަށް ދައުވާކުރާ ފަރާތުގެ އޮތް ޒިންމާއަކީ ކޮބައިކަން ތަހުގީގު ބަޔާންތަކުން ސާފުކޮށް އެނގޭތީ ކަމަށެވެ.

”ދައުވާކުރާ ފަރާތުގެ މައްޗަށް ތުހުމަތު ކުރެވުނު މަނީ ލޯންޑަރިންގެ މައްސަލާގެ ތަހުގީގުގައި ނަގާފައިވާ ބަޔާންތަކުން އެކަންކަން ސާފުކޮށް ފެންނަން އޮތުމުންކަމަށް ޝަރީއަތަށް ބުރަވެވޭތީ، މަނީ ލޯންޑަރިންގެ ތުހުމަތުގައި ދައުވާކުރާ ފަރާތުގެ އަތުން ފެނި، ދައުވާލިބޭ ފަރާތުން ހިފަހައްޓާފައިވާ، މި ދައުވާގައި ދައުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާ، ދައުވާކުރާ ފަރާތަށް ދޫނުކޮށް ހިފެހެއްޓޭނެ، ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތްކަން އެނގެން އޮންނަ ކަމެވެ“ ގާޒީ ވިދާޅުވިއެވެ.

މުރުގޭޝްއަކީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ކްރިޝްނާ އެގްޒިމް ޕާޗޭސްގެ މެނޭޖަރެއްގެ މަގާމުގައި ހުރި މީހެއް ކަމަށާއި އެ ކުންފުންޏަކީ ރާއްޖޭގެ ބައެއް ކުންފުނިތަކަށް މުދާ ފޮނުވައިދޭ ކުންފުންޏެއް ކަމަށާއި ދައުވާކުރާ ފަރާތުން ރާއްޖެއަށް އަންނަނީ މުދާ ނުވަތަ ސާމްޕަލް ހިފައިގެން ކަމަށް ގާޒީ ވިދާޅުވިއެވެ. އެގޮތަށް ރާއްޖެއަށް އަންނައިރު މުދަލުގެ އަގަށްވާ ފައިސާ، ދިވެހި ވިޔަފާރިވެރިންގެ އަތުން ނަގާ އެ ފައިސާއާ ހަވާލުވުމަށްފަހު، އެ ފައިސާ އިންޑިއާއަށް ގެންގޮސް އޭނާ މަސައްކަތްކުރާ ކުންފުންޏާ ހަވާލުކުރާކަން މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ސާފުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެންވެ އެ ފައިސާތައް ކުންފުންޏާއި ހަވާލުކުރުމާއި ހަމައަށް އެ ފައިސާތަކުގެ ވެރިޔާއަކީ މުރުގޭޝްކަން ޝަރުއީ ހަމަތަކުން ސާބިތުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

އެ ހުރިހާ ކަމެއް އެގޮތަށް ފާހަގަކޮށް ގާޒީ ހުކުމްކުރެއްވީ ފުލުހުން ހިފަހައްޓާފައިވާ މުރުގޭޝްގެ ފައިސާ އޭނާއާ ހަވާލުކުރުމަށެވެ.

6 Comments

  • Moona Moony މެއި 24, 2025

    Egothah laari gendhiun huhdhaveebaa

  • Axe Kinzoku މެއި 24, 2025

    Ein baeh dhineema fonuvaane dhooni Raajje in. Ehaa baivaru libunee kihineh baa. Bodaku bunegen beyrukuraneebaa. Bro ge ehcheh thy. Eynayah dheyn gendhanee utha. Varah kada thaneh mee.

  • Xam Xamy މެއި 24, 2025

    Beyru mehunge athun gina rf fenihjya moyavanee mi dhivehin . Bala emeehun faisaa hoadhanee bura masaikai kohgen dhivehin hen thalhaa nuburuhsaa yeiii

  • އަލީ ޑަނޭ މެއި 24, 2025

    Hukun kuri gaazee kihaavareh negi?

  • Aqua Cha މެއި 24, 2025

    power of foreigners

  • Mohamed Shaam މެއި 26, 2025

    Dhn neynge Thi laari hunnaane kameh ves heheh jehunu thaa lakuneh ves…

Leave a Reply to Xam Xamy Cancel reply