މި އަހަރުގެ ހައްޖު މޫސުމުގައި ވަރަށް ހޫނު ގަދަވާނެ ކަމަށް ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓާ އޮފް މިޓިއޮރޮލޮޖީ (އެންސީއެމް) އިން ބުނެފި އެވެ.
އެންސީއެމުން މިއަދު ބުނީ މި އަހަރުގެ ހައްޖު މޫސުމުގައި މައްކާ އަދި މަދީނާގައި މޫސުން ހުންނާނީ ހޫނުގަދަކޮށް އަދި ވަރަށް ހޫނުގަދަކޮށް ކަމަށެވެ.
އެގޮތުން އިހުސާސް ކުރެވޭ ހޫނުމިން އެންމެ މައްޗަށް ދާނެ ކަމަށް ބެލެވެނީ 40 އާއި 47 ޑިގްރީ ސެލްސިއަސް އަށް ކަމަށާއި އެންމެ ދަށްވާނެ ކަމަށް ލަފާކުރެވެނީ 27 އާއި 32 ޑިގްރީ ސެލްސިއަސްއާ ދެމެދަށް ކަމަށް ބުންޏެވެ.
އެންސީއެމުން ބުނި ގޮތުގައި ވައިގެ ތެތްކަން ހުންނާނެ ކަމަށް ލަފާކުރެވެނީ 15 ޕަސެންޓާއި 60 ޕަސަންޓްއާ ދެމެދުގެ އަދަދެއްގައި ކަމަށެވެ.
އެންސީއެމްގެ ވެރިޔާ، ސީއީއޯ ޑރ. އައިމަން ގުހުލާމް ވިދާޅުވީ މައްކާގެ ސަރަހައްދުތަކަށް ވައި ޖެހޭނީ އުތުރުން އަދި އުތުރު ހުޅަނގުން ގަޑިއަކު 25 އާއި 35 ކިލޯމީޓަރުގެ ބާރުމިނުގައި ކަމަށެވެ. އެއާއެކު ހިރަފުސް ބޯވެ، ބައެއް ސަރަހައްދުތަކާއި ހައިވޭތަކުގައި ދުރަށް ފެންނަ މިންވަރު ދަށްވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ޒުލްހިއްޖާ މަހުގެ 8 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ތާއިފުގެ އުސް ސަރަހައްދުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވާރޭ ވެހުމުގެ ސަބަބުން ބާރަށް ވައިޖެހި، ހިރަފުހާއި ކުނި ގިނަވާނެ ކަމަށް ވިދާޅުވި އެވެ.
މީލާދީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހު ފަހެކެވެ.

ގުޅުންހުރި
ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގެންފި، އަރިހުގައި 8 ބޭފުޅުން ބައިވެރިވޭ
މިއީ ދިވެހި ހައްޖުވެރިންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ހައްޖު
ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ފުރައިފި
މައްކާ ރޫޓްގައި ރާއްޖެ ހިމެނުމުން އެނގެނީ ދެ ގައުމުގެ ދެމެދު އޮތް
ދިވެހި ހައްޖުވެރިންނަށް ސައުދީގައި ހާއްސަ ކްލިނިކެއް ގާއިމުކޮށްފި
ހައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ މާތް ﷲ މި ދުނިޔޭގައި