ސިނަމާލެ ބްރިޖު އެޅުމަށް ޗައިނާ އާއެކު އެންމެ ފުރަތަމަ މަޝްވަރާ ކުރެއްވީ އެ މަނިކުފާނުގެ ވެރިކަމުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
އެސްއެސްޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި ބޮޑުވުން ކަމަށާއި ނަމަވެސް އެއީ ރައީސް މުއިއްޒު ވެރިކަމަށް އައުމަށްފަހު ދިމާވި ކަމެއް ނޫން ކަމަށެވެ. އެއީ ވަރަށް ގިނަ ދުވަސްތަކުން އިތުރުވަމުން އައި ދަރަނިތަކެއް ކަމަށާއި އެހެންކަމުން އެ ދަރަނިތަކުގެ ޒިންމާ އެންމެ މީހެއްގެ ބޮލަށް ޖެހުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.
އެ ދަރަނިތަކުގެ ޒިންމާ އެ މަނިކުފާނުވެސް ނަންގަވަން ޖެހިވަޑައިގަންނަވާނެކަން ފާހަގަކުރައްވައި ރައީސް ވަހީދު ވިދާޅުވީ، އެ މަނިކުފާނު ނައިބު ރައީސްކަމުއި ހުންނެވި އިރު އޭރުގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް ބޮޑެތި ލޯނުތަކެއް ނެންގެވި ކަމަށެވެ. އަދި އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންވެސް ވެރިކަމަށް ވަޑައިގެން ސިނަމާލެ ބްރިޖު އެޅުމަށް ލޯނުތަކެއް ނެންގެވި ކަމަށް ވިދާޅުވި އެވެ.
”…އަޅުގަނޑު ރައީސްކަމުގައި ހުއްޓައި އެންމެ ފުރަތަމަ ބްރިޖު އެޅުމުގެ ވާހަކަ ޗައިނާގެ މަތީ ފެންވަރުގައި، ބޮޑުވަޒީރު ފެންވަރުގައި އެ ވާހަކަ ދެކެވިފައި އޮތީ. ނަމަވެސް އަޅުގަނޑަށް އެ މަޝްރޫއު ފުރިހަމަ ނުކުރެވުނު. އެހެންވީމަ އޭގެ ފަހުން ރައީސް ޔާމީން ވަރަށް އަވަހަށް ވަރަށް ކުޅަދާނަކަމާ އެކީގައި އެ މަޝްރޫއު އިމްޕްލިމެންޓް ކުރެއްވި. އިމްޕްލިމެންޓް ކުރެއްވުމުގައި ވަރަށް ބޮޑެތި ހަރަދުތަކެއް، ދައުލަތުންވެސް ލޯނުވެސް ނަގަން ޖެހުނު. އެ މަސައްކަތް ކުރުމުގައި ހަނދާން ނައްތާލައިގެން ނުވާނެ އެއް ކަމެއް އެއީ އެ މަސައްކަތް ކުރުމުގައިވެސް އަމަލީ ގޮތުން އެންމެ ބޮޑު ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ މިހާރުގެ ރައީސް ޑރ. މުއިއްޒު،“ ރައީސް ވަހީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އެ ހުރިހާ ލޯނެއްވެސް ސަރުކާރުތަކުން ނަގާފައިވަނީ ރައްޔިތުންގެ އިހުސާސްތައް ދަނެގެން ކަމަށެވެ. އެހެންކަމުން ދެން އެ ލޯނުތައް ދެއްކުމުގައިވެސް ރައްޔިތުން ވީވަރަކުން ސަރުކާރަށް އެއްބާރުލުން ދޭންވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
”މި ހުރިހާ ލޯނުތައް ނެގިފައި މިހުރީ ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ނޫނޭ، އެއީ ރައްޔިތުންނަށް އޭގެ ސަބަބުން ވީކޮން ފައިދާއެއްހޭ ބުނާނެ ތަނެއް އޮތް ކަމަކަށް ގަބޫލެއް ނުކުރަން،“ ރައީސް ވަހީދު ވިދާޅުވި އެވެ.

13 Comments
ގުޅުންހުރި
ސަރުކާރެއް ބަދަލުކޮށް ހީނަރުކުރަން އުޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން: ރައީސް
ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް، އެކަން ނިމިއްޖެ: ރައީސް ވަހީދު
ސަރުކާރުތަކުން ނަގާ ލޯނުތަކުން ރައްޔިތުންނަށް ވާ ފައިދާއެއް ނެތެކޭ ނުބުނެވޭނެ: ރައީސް
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއިއަކަށް ކުރީގެ ރައީސް ވަހީދު
އަބްދުއްރަހީމާއި ޝިޔާމް އަޅުގަނޑު ދޫކޮށްދިއުމުން ހިތަކަށް އެއްވެސް އެއްޗެއް ނާރާ: ޔާމީން
ކިތަންމެ ހިތްހަމަ ނުޖެހުނަސް މުއިއްޒުގެ ވެރިކަމަށްވުރެ ސޯލިހުގެ ވެރިކަން ރަނގަޅު: ޔާމީން