ޖުލައި 13, 2025

ޖުވާގެ ފައިސާ އިން ހަރަދުކުރާ މީހަކު ސުވަރުގެއިން މަހުރޫމުވެ، ނަރަކަވަންތަވެރި ވެދާނެ އެވެ!

ޖުވާގެ ފައިސާ އިން ހަޑިގަނޑުގައި އުފެދޭ މަހާއި ލެޔަށް ހައްގީ ނަރަކަ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުކުރު ހުތުބާގައި ބުނީ އާމްދަނީ ހޯދުމަށް އިސްލާމް ދީން ހުއްދަކުރަނީ ކެހިވެރިކަމެއް، މަކަރުވެރިކަމެއް ނެތަ ވަކި ފަރާތަކަށް ގެއްލުން ނުވާ ގޮތުގެ މަތިން ކަމަށެވެ. ހުތުބާގައި ބުނީ ޖުވާ ހަރާމް ކުރައްވާފައިވަނީ އެއީ ގެއްލުން ބޮޑު މުޑުދާރު ކަމަކަށް ވުމުގެ ސަބަބުން ކަމަށެވެ.

“ހަރާން ގޮތުގައި ހޯދާ އެއްވެސް އެއްޗެއް ކެއުމަށް ވެސް އަދި އެހެން ކަމަކަށް ވެސް ބޭނުން ކުރުން ހުއްދައެއް ނޫނެވެ. އެހެނީ އެފަދަ އެއްޗެއް ކައިގެން ހަށިގަނޑުގައި އުފެދޭ މަހާއި ލެޔަށް ހައްގުކަން ބޮޑީ ނަރަކަ އެވެ” ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ޖުވާ ކުޅެގެން ހޯދާ ފައިސާ އަނބިދަރިންގެ ކަންކަމަށާއި އެހެނިހެން ކަންކަމަށް ވެސް ހަރަދު ކުރުމަކީ ހަރާން ކަމެއް ކަމަށެވެ.

ޖުވާ ހަރާމްވީ ނުހައްގުން ދެންހުރި މީހާގެ މުދަލަށް އަރައިގަނެވޭތީ ކަމަށެވެ.