ޖުލައި 16, 2025

އާ ޓާމިނަލްގެ ބަހުސް: ރައީސް ޔާމީނާއި ރައީސް ސޯލިހަށްވެސް ރައީސް މުއިއްޒު ކްރެޑިޓް ދެއްވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓަމިނަލްގެ މަސައްކަތްތަކެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައިވެސް ކުރެއްވި ކަމަށް އެ ސަރުކާރަކުން ކުރި މަސައްކަތުގެ ކްރެޑިޓް އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ވީއައިއޭގެ އާ ޓާމިނަލް ޖުލައި 26ގައި ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ޓާމިނަލް ނިންމި ސަރުކާރުގެ ބަހުސް ވަނީ ގަދަވެފަ އެވެ.

ރައީސް މުއިއްޒު ކުރިއަށް ގެންދަވާ ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު މިއަދު ވިދާޅުވީ އާ ޓާމިނަލްގެ ކުރެޑިޓް ހައްގުވާ ފަރާތާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަކީ ވަރަށް ބޭކާރު ބަހުސެއް ކަމަށެވެ. އެއާޕޯޓް މަސައްކަތަކީ ވަރަށް ގިނަ ވެރިންގެ ބުރަ މަސައްކަތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ

އެގޮތުން އެންމެ ފުރަތަމަ އެއާޕޯޓް މަސައްކަތް ފެށީ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ކަމަށާއި އޭގެ ފަހުގައި އެއާޕޯޓް ތަރައްގީކުރަން ރައީސް މައުމޫނު އަބްދުއްގައްޔޫމުގެ ސަރުކާރުން ވެސް ބޭރުން ގިނަ އެހީތަކެއް ހޯދައިގެން މަސައްކަތް ކުރި ކަމަށެވެ.

”ހަގީގަތް އެއީ ވަރަށް ސާފުކޮށް ފެންނަން އޮތް އެއްޗެއް. އެހެންވީމަ ޑިއު ކްރެޑިޓް ދޭންޖެހޭނެ ކޮންމެ މީހަކަށްވެސް. މިހާރުގެ އެއާޕޯޓް ޓާމިނަލް މަސައްކަތް ރައީސް ޔާމީންގެ ވެރިކަމުގައި ފެއްޓެވީ ދެން އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިތުރު މަސައްކަތެއް ކުރެވިފައި މި ހުރީ. ދެން އަޅުގަނޑުމެންނާ ހަވާލުވެގެން ބާކީ ހުރި ހުރިހާ މަސައްކަތެއް މި ނިންމީ. އެއީ ގާތްގަނޑަކަށް ދޮޅު އަހަރުގެ ތެރޭގައި. ދެން އެ ފެކްޓްސްތައް ބަލާ ކޮންމެ މީހަކަށްވެސް ފެންނާނެ ކޮން ވެރިކަމެއްގައިކަން ކޮން މަސައްކަތެއް ކުރެވިފައި ހުރީ،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން، ޓްރާންސިޝަން ޕީރިއަޑްގެ ތެރޭގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އެއާޕޯޓް މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ކަމަށެވެ. އަދި އެދުވަހު ދެއްވި އިންޓަވިއުގައި ވެސް އެއާޕޯޓް މަޝްރޫއު އަކީ މި ސަރުކާރުގެ އެންމެ މުހިންމު މަޝްރޫއުކަން ފާހަގަކުރައްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”އެދުވަހު އަޅުގަނޑަށް އެނގުނު ކިހާވަރަކަށް ކަން ނިމިފައި ހުރީ. އެތެރޭގެ ގިނަ ކަންކަން ހުރީ ކުރަންވެފައި. އަދި ޓާމިނަލް އިމާރާތުން ނިމޭ ކަމެއް ވެސް ނޫން މިއީކީ. އޮޕަރޭޝަނަލް ވަންޏާ ކުރަންޖެހޭ ގިނަ މަސައްކަތްތައް ހުރީ. އަދި އެ ޕްރޮޖެކްޓް ސްކޯޕް ތެރޭއިން ހަވާލުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ހަވާލު ނުކޮށް. އެއްތަނަކީ ހެޑް އޮފް ސްޓޭންޑް އޮން މަގޭ މިކިޔާ ޓާމިނަލްގެ އެއްވެސް ގޮތަކަށް ބޭނުން ހިފަންޖެހޭ ކަމުގައިވާނަމަ ހަދަން ޖެހޭ މަގު އެއީ. މައި ބަދަ އެހެން ގޮތަކަށް ބުނާނަމަ. މައިބަދަ ނެތް އެއްވެސް ބަޔަކާ ހަވާލުކޮށްފައެއް. އެމަގު ވެސް އަޅުގަނޑުމެން ހަވާލުކުރީ ބަޔަކާ ހަދަން،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ނިމިފައި ހުރީ ޓާމިލަންގެ 54 ޕަސެންޓް ކަމަށާއި ޑިއުޓީ ފްރީ އާއި ކޮމާޝަލް އޭރިޔާވެސް ނެތް ކަމަށެވެ. އެތަންތަން ހަދަން ހަވާލުކޮށްފައި ވެސް ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

”ކުރިން އެއްވެސް ވެރިޔަކު ވެރިކަމުގައި ކުރެއްވި ކަމެއް ނުކުރާކަމެއްގެ ގޮތުގައި ނުދަންނަވާނަން. ރައީސް ޔާމީން ވެރިކަމުގައި ފެއްޓެވި ވަރަށް ގިނަ މަސައްކަތްތަކެއް. ރައީސް ސޯލިހްގެ ވެރިކަމުގައި ވަރަށް ގިނަ މަސައްކަތެއް ކުރެއްވި. އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑާ ހަވާލުވި އިރު ހުރި ގޮތް،“ ރައީސް ވިދާޅުވިއެވެ.