ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަގުސަދުގައި މިމަހުގެ 28 އިން 29 އަށް ނިއު ޔޯކްގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހައި ލެވަލް އިންޓަނޭޝަނަލް ކޮންފަރަންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން ގައި ރާއްޖެއިން ބައިވެރިވުމަށް ހަމަޖެހިއްޖެ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހަމަދު ކަމަށެވެ. އަދި މި ކޮންފަރަންސްގެ ޕްލެނަރީ ސެޝަންގައި ރާއްޖޭގެ ފަރާތުން އޭނާ ތަގުރީރު ކުރައްވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ބައިވެރިވުމުން ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހައާއި ހަމަޖެހުމާއި އަދުލު އިންސާފު ގާއިމުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ދެމެންދާ އެއްބާރުލުން ރަމްޒުކޮށްދޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އަދި އދ.ގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމްކުރުމަށާއި 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅުމަށްޓަކައި ރާއްޖެއިން ކެނޑިނޭޅި ދަނީ ވަކާލާތުކުރަމުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މި ކޮންފަރަންސް ބާއްވާނީ އދ.ގެ އާންމު މަޖިލީހުގެ ގަރާރު ނަންބަރު 79/81، ”ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްޓައިން“ ގެ ދަށުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފްރާންސް އަދި ސައުދީ އަރަބިއްޔާ އިން ރިޔާސަތު ބެލެހެއްޓެވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ ޕްލެނަރީ ސެޝަންގެ ކުރިން މިނިސްޓީރިއަލް ހައިލެވެލް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީއަލް ބައްދަލުވުމުގައި މި ކޮންފަރެންސަށް އެކުލަވާލާފައިވާ ވޯކިން ގްރޫޕްތަކުގެ ނަތީޖާ ތައް ހުށަހަޅައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް
ދިޝާގެ ގެއަށް ބަޑި ޖެހި މީހުންނަށް ގައްޑާމީއެއް ނުވެވުނު، ފުލުހުންގެ އަތްދަށުވެ
ނޭޝަނަލް ސާވިސްގެ ފުރަތަމަ ބެޗުގައި ހިމެނޭ 340 ޒުވާނުން ތަމްރީނަށް ފުރައިފި
އަތޮޅު ކައުންސިލްތައް އުވާލާ ވާހަކައަކީ ދޮގެއް: ރައީސް
އެއާޕޯޓަގައި ގަވާއިދާ ހިލާފަށް ޑޮލަރުތަކެއް މާރުކުރަން އުޅެނިކޮށް މީހަކު ހައްޔަރުކޮށްފި
ޕާސްޕޯޓް ކާޑުގެ ހިދުމަތް މެދުކަނޑާލައިފި