އޯގަސްޓް 10, 2025

ޓެކްސް ނުދައްކާ ނަމަ އަޅުގަނޑު ވެސް ޖަލަށްލާން ޖެހޭނެ: ސަލީމް

ޓެކްސް ނުދައްކައި މަކަރު ހަދާ ނަމަ އޭނާ ވެސް ޖަލަށްލައި އަދަބު ދޭން ޖެހޭނެ ކަމަށާއި ގަވާއިދުން ޓެކްސް ދައްކާ މީހުންނަށް އެއީ މައްސަލަކަށް ވެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅައި، އެ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބޮޑެތި ބާރުތައް ދޭން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި ބިލްގެ ބަހުސްގައި ސަލީމް ވިދާޅުވީ

ޓެކްސް ނުދެއްކުމުން ދޭ އަދަބު ބޮޑުކުރުމަކީ ކަސްޓަމްސްގެ އިންވޮއިސްތައް އޮޅުވާލައި، މަކަރު ހަދާ މީހުންނަށް ވަރަށް ބޮޑު މައްސަލައަކަށް ވެގެންދާނެ ކަމަށެވެ. ނަމަވެސް ރަނގަޅަށް ގާނޫނާއިގަވާއިދާ އެއްގޮތަށް މަސައްކަތްކުރާ މީހުން އެފަދަ އިސްލާހެއް މަޖިލީހުން ފާސްކުރިޔަސް އެކަމާ ކަންބޮޑުވެގެން ނޫޅޭނެ ކަމަށެވެ. ވިޔަފާރިތަކުން ޓެކްސް ނަގަން ފެށީ ވަރަށް މާތް މަގުސަދެއްގައި ކަމަށާއި ނަމަވެސް އެ މަގުސަދު ހާސިލް ނުވަނީ ޓެކްސް އަށް މަކަރު ހަދާ މީހުންގެ ސަބަބުން ކަމަށް ސަލީމް ވިދާޅުވި އެވެ.

”އެއްޗެއް އާންމުކޮށްފިއްޔާ އަޅުގަނޑުމެން އެ ކަމަކަށް އަމަލު ކުރަންޖެހޭނެ. (ޓެކްސް) ދައްކާ މީހުން ބަރާބަރަށް ދައްކާ. އެ މީހުން ބަރާބަރަށް ހުރިހާ ކަމެއް ކުރޭ. އެކަމަކު، ނުދައްކާ މީހުންގެ ނަތީޖާއަކީ އެ މީހުން ހަމަ ނުދައްކާ ތިބުން،“ ސަލީމް ވިދާޅުވި އެވެ.

”އެހެންވީމާ މި ކަހަލަ ބިލެއް އައީމާ އެއްގޮތަކަށް ވެސް މި ކަހަލަ ބިލްތަކަށް ދެކޮޅު ހަދައިގެން ނުވާނެ. މިއީ ދައުލަތުގެ އާމްދަނީއަށް އަންނަ ބަދަލެއް ޓެކްސް ނުދެއްކުމަކީ. ބޭނުމަކަށް ވާން ވާނީ ބަރާބަރަށް ޓެކްސް ދެއްކުން.“

ސަލީމް ވިދާޅުވި ގޮތުގައި 15 ވަރަކަށް ބިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ދައުލަތަށް ނުލިބި އެބަހުއްޓެވެ. އޭގެ ނަތީޖާއަކީ ދައުލަތް ހިންގަން ލިބެންޖެހޭ ފައިސާ ކޮންމެ އަހަރަކު ވެސް އުނިވުން ކަމަށެވެ. ދަރަނީގެ ގޮތުގައި އަންނަ އަހަރު އެއް ބިލިއަން ޑޮލަރު ދައްކަން ޖެހޭއިރު ޓެކްސް ފައިސާ ނުލިބޭ ނަމަ ދަރަނި ދައްކަން ދަތިވާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

”(ދަރަނި) ދެއްކޭނެ އެއްވެސް ގޮތެއް ނޯންނާނެ. މި ފައިސާއަކީ މަތިން ފައިބާ އެއްޗެއް ނޫން. އާންމުންގެ އަތުން ނަގާ ޓެކްސް އިން ހުރިހާ ދަރަންޏަކާއި މި ހުރިހާ އެއްޗެއް ދައްކަން ޖެހެނީ،“ އޭނާ ވިދާޅުވި އެވެ.

4 Comments

  • Raz Usman އޯގަސްޓް 6, 2025

    Tax ah makaru hanyaa kihineh hadhanvee

  • Axe Kinzoku އޯގަސްޓް 6, 2025

    Jalah nulevidhaane ekamaku e narakain mingunuvaanehen narakayah leveyne komme faafaverieh ves. Thaubaave faafa nuhuttaanama.

  • Xiya Saleem އޯގަސްޓް 6, 2025

    މީ ދިވެހިންގެ ރާއްޖެ މިތާކު ތިބާވަތުގެ ކަންކަން ނުހިގާނެ

  • Hussain Haleem އޯގަސްޓް 7, 2025

    Saleem jalah gendhan hakim jahaa irah mais in qaanoonu asaasee badhalu kuraane israhvehin isthisnaa vaa gothah

Leave a Reply to Xiya Saleem Cancel reply